ކޮވިޑް 19

ކަސްރަތަށް ހާއްސަ ތަންތަން ފިޔަވައި އާންމު ޕާކު ތަކާއި މައިދާންތައް ބަންދުކުރަން ނިންމައިފި

އަލީ އަފާފު ރަމީޒު

ކަސްރަތަށް ހާއްސަ ތަންތަން ފިޔަވައި އާންމު ޕާކު ތަކާއި މައިދާންތައް ބަންދުކުރަން ނިންމައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމުގައި ބުނީ މާދަމާއިން ފެށިގެން ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށެވެ. ނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި އެ އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން މިވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގައުމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ކާފިއު ވަގުތު އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މާދަމާއިން ފެށިގެން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ހުރިހާ ޖިމް ތަކެއްގައިވެސް އެކަނި ކަސްރަތުތައް ކުރެވޭނެއެވެ.

މީގެ އިތުރުން ޑޭކެއާތަކާއި ޕްރީ ސްކޫލްތަކާއި ނާސަރީތައް ބަންދުކުރުމަށްވެސް އަންގައިފައެވެ. އަދި ޔުނިވަސިޓީ އަދި ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށްވެސް ވަނީ އަންގައިފައެވެ.