ކޮވިޑް 19

ރޭގަނޑު 11 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފި

އަލީ އަފާފު ރަމީޒު

ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އާ ދެމެދު މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ ހަފްތާއިން ފެށިގެން ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދަށް ވަނީ އަލުން ކާފިއު އިއުލާންކޮށްފައެވެ. ކާފިއު އިއުލާންކުރީ މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

މާދަމާ އިން ފެށިގެން ކާފިއު ގަޑިތަކަށް މިވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދާން ބޭނުންވާ ފަރާތްތަކަށް ނަމާދަށް ދެވޭނެއެވެ.

މީގެ އިތުރުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށްވެސް ވަނީ އަންގައިފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ބަލި ކޮންޓްރޯލްކުރުމަށް މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި ވަނީ ކާފިއު ހިންގައިފައެވެ. މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ކާފިއު ހިންގުމަށްފަހު، ކާފިއު އުވާލީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.