އެކަނި ކުރާ ކަސްރަތުތައް ފިޔަވައި އެހެން ހުރިހައި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުތައް ހުއްޓާލަން އަންގައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމުގައި ބުނީ މާދަމާއިން ފެށިގެން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށް އަންގާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން ކާފިއު ވަގުތު އިތުރުކޮށް، ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގައުމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގައިފައެވެ. ނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެއެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ހުރިހާ ޖިމް ތަކެއްގައިވެސް އެކަނި ކަސްރަތުތައް ކުރެވޭނެއެވެ.
މީގެ އިތުރުން ޑޭކެއާތަކާއި ޕްރީ ސްކޫލްތަކާއި ނާސަރީތައް ބަންދުކުރުމަށްވެސް އަންގައިފައެވެ. އަދި ޔުނިވަސިޓީ އަދި ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށްވެސް ވަނީ އަންގައިފައެވެ.