ދުނިޔެއަކަށް ކޮވިޑުގެ ބަލިމަޑުކަމުން އަދިވެސް އަރައި ނުގަނެވެ. އެތައް ގައުމަކަށް ރާޅަކަށްފަހު ރާޅެއް ނަގައި ދަނީ ބިންދަމުންނެވެ. އެކަމުގެ ހިތި ރާއްޖެ ވެސް ދެކެފީމެވެ. ބަލީގައި މަދު ނަމަވެސް، ފުރާނަތަކެއް ގެއްލިއްޖެ އެވެ. ސިއްހީ އެހީތެރިން ވަރުބަލިވެއްޖެ އެވެ. އެ ހިތްދަތިކަމަށް ދިވެހިން އެނބުރި ދާކަށް ނޭދެ އެވެ.
ކޮވިޑް-19ގެ ނުރައްކާ ވައްތަރުތަކެއް ފެނި، ބަލީގެ ނުރައްކާ އަލުން ބޮޑުވެފައިވާ އިރު، އެ ބަލިން ދިފާއުކޮށްދޭން ރާއްޖެއަށް މިއަދު މިއޮތީ ވެކްސިނެއް ލިބިފަ އެވެ. އެ ވެކްސިން މިއަދު ވަނީ ޖަހަން ވެސް ފަށައިފަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ވެސް ވެކްސިން ނުލިބިގެން އުޅޭ އިރު، ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް މި ހޯދީ ކާމިޔާބީއެކެވެ.
ނަމަވެސް މިއަދު ރާއްޖޭގައި ޖަހަން ފެށި، އިންޑިއާ އިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދައި، ވެކްސިން ދަނީ ސިޔާސީ ކުރަމުންނެވެ. ވެކްސިން ނުޖަހަން ބާރު އަޅައި ބަޔާން ވެސް ނެރެނީ އެވެ. އެކަމަށް އަޑު އުފުލައި މަގުމަތީ ހަރަކާތްތައް ވެސް ހިންގައިފި އެވެ. އެމީހުންގެ ގޮވުމަކަށްވީ ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ޖަހަން ޖެހޭނީ ގައުމުގެ ވެރިން ޖެހުމަށްފަހުގައި ކަމަށެވެ. އެކަމުގެ އަވާމެންދުރުގައި އެތައް ބަޔަކު ޖެހި، ވެކްސިނާ ނުރުހިއްޖެ އެވެ.
ވެކްސިނާމެދު ގެއްލެމުންދާ އިތުބާރު އަލުން ހޯއްދަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެންނެވެ. ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމަށްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަނައިބު މުއުތަސިމް އަދުނާނު ވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.
އެބޭފުޅުންގެ ގަޔަށް ވެކްސިން ހަމަ ރަނގަޅަށް ވެސް ޖެއްސެވިތޯ އާއި ޖެއްސެވީ ރާއްޖޭގެ ރައްޔިތުންގެ ގަޔަށް ވެސް ޖަހަން ގެނައި "އިންޑިއާ" ވެކްސިންތޯ މީޑިއާތަކުން ކަށަވަރުކުރީ ކައިރީގައި ތިބެގެންނެވެ. އެގޮތުން ކުޑަ ފޮއްޓަކުން ވެކްސިންގެ ޑޯޒެއް ނަގައި، ދިގު ކައްޓެއް އިން ސިރިންޖަށް ވެކްސިން ދަމާލުމަށްފަހު ޖެއްސެވީ ކޮންމެ ބޭފުޅެއްގެ ވެސް ކޮނޑު މަސްގަނޑަށެވެ. ވެކްސިންގެ ޑޯޒު ބޭރުގައި އެއީ ކޮވިޝިލްޑުގެ ވެކްސިނެއްކަން ފެންނަން ހުއްޓެވެ. އޭގެން ޑޯޒެއް މީޑިއާތަކަށް ވަކިން ފެންނާހެން ދެއްކި އެވެ.
ވެކްސިން ޖެއްސެވުމުން ކޮންމެ ބޭފުޅެއްގެ މޫނުފުޅުން ވެސް ފެނިގެންދިޔައީ އުންމީދެވެ. ހިނިތުންވުމެވެ. މި ބޭފުޅުން ވެކްސިން ޖެއްސެވީ ހުރިހާ ރައްޔިތުންނަށް ފެންނާނެ ގޮތަށް ލައިވްކޮށް، ހުރިހާ މީޑިއާތަކެއް ކުރިމަތީގައެވެ.
ވަޒީރުންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.
މި ބޭފުޅުންގެ ކުރިން ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. އެއަށްފަހު ހުޅުމާލެ ހޮސްޕިޓަލުގެ ބިދޭސީ ނަރުހަކާއި ހަކުރުބަލި ހުންނަ މީހެކެވެ. އަދި ފަހުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބޭފުޅުންނާއި އެހެނިހެން ހިދުމަތްތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނާއި ބަލީގެ ނުރައްކާތެރިކަން ބޮޑު ނުވަތަ އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.
މިއަދު ވެކްސިން ޖެއްސެވި ޑޮކްޓަރުންގެ ތެރެއިން ވެސް ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ މަޝްހޫރު އަދި ވަކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އަދި އެ އޮޕަރޭޝަން ކުރި ޑރ. އަލީ ނިޔާފާއި އައިޖީއެމްއެޗުގެ ފުއްމާޕޭގެ ބަލިތަކާ ބެހޭ ހާއްސަ ޑރ. މޫސާ ހުސެއިން އާއި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ހިމެނިވަޑައިގަންނަވަ އެވެ. މި ބޭފުޅުން ވެސް ޖެއްސެވީ ހަމަ އެއް ވެކްސިނެކެވެ.
އެހެންކަމުން މިއަދު މިއީ ހަގީގަތެއްކަން ބަލައިގަންނަން ޖެހެ އެވެ. ވެކްސިން ޕްރޮގްރާމް ފެއްޓެވުމުގެ ކުރިން ރައީސް ކުރެއްވި އިލްތިމާސަކީ ވެސް އެއީއެވެ. ކުރިމަތިވެފައި މި އޮތް މި ދަތި އުނދަގުލުން ސަލާމަތްވުމަށްޓަކައި އެންމެން އެކީގައި މަސައްކަތް ކުރުމަށެވެ. ހުރިހާ ބޭފުޅުންގެ އެއްބާރުލުން ބޭނުންފުޅުވާ ވާހަކަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް މި ވެކްސިން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ހަށިކޮޅަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައި، ރައްޔިތުންނަށް ވެކްސިންގެ އިތުބާރު ހޯދައިދެއްވައިފިއެވެ. އެއްވެސް މީހަކަށް ވެކްސިން ޖެހުން މަޖުބޫރެއް ނޫނެވެ. ނަމަވެސް މި ބަލިމަޑުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރުން މުހިންމެވެ. މި ބަލިމަޑުކަމުން އަރައިގަންނާނެ އުކުޅުތައް އެނގޭނީ ސިއްހީ ހިދުމަތްތެރީންނަށެވެ. ކޮން ގައުމަކުން ގެނައި ވެކްސިނެއްތޯ ނުބަލައި، ސިއްހީ ހިދުމަތްތެރީންގެ ބަސް އަޑުއަހާށެވެ.
ވެކްސިން
ވެކްސިން
ވެކްސިން