ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގައި އުފައްދާފައިވާ ވެކްސިން ތަކުގެ ތެރެއިން ޑަބްލިއުއެޗްއޯ އިން މިހާތަނަށް ހުއްދަ ދީފައިވާ، ފައިޒާ- ބަޔޯއެންޓެކް ރާއްޖެ ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހުން ފެށުމަށް މާލޭގެ ސޯޝިއަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޕްރޮގްރާމްގައި ވެކްސިން ޖެއްސެވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް އެކި ބާވަތްތަކުގެ ވެކްސިން ގެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިޒާ ވެކްސިން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އެކި ކަހަލަ ދަތިތަކާއި ކުރިމަތިވެދާނެތީވެ، ސަރުކާރުން މަސައްކަތް ކުރާނީ ވީހާވެސް އެއް ވައްތަރެއްގެ ވެކްސިން ޖެހޭތޯ. އެކަމަކު ރާއްޖެއިން އިތުރު ބާވަތްތަކުގެ ވެކްސިން ގެންނާނެ. އެއީ ރަނގަޅު ވެކްސިން ހޯދުމަށް. ފައިޒާވެސް ލިބޭނެ އަޅުގަނޑުމެންނަށް. ގިނައިން ނުލިބުނެއް ކަމަކު ކޮންމެވެސް މިންވަރެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފަ އޮތީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ ކޮވި ޝިލްޑް ވެކްސިނާއި ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ވެކްސިންވެސް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ވެކްސިން ޖެހުމަށް މިހާރު ރާވާފައިވާ ގޮތުން ދުވާލަކަށް 10،000 މީހުން ގަޔަށް ވެކްސިން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ހުރިހާ ވެކްސިނެއްވެސް ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން ގައުމުތަކުން ދީފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ވެކްސިން ހަމަސްދުވަހުގެ ތެރޭ ދީ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ވެކްސިން ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ދޭނެ ކަމަށާއި މިކަމުގައި ބަޔަކު މީހުން ދައްކާ ވާހަކަތަކަށް ނުހެއްލި ފަރުދީ ޒިންމާ އަދާކޮށް ކޮވިޑް ބަލިން ރައްކާތެރިވުމަށް އެންމެންވެސް އެއްބާރުލުން ދިނުމަށް މިނިސްޓަރު ނަސީމް އިލްތިމާސްކުރެއްވި އެވެ. އަދި ވަކި ގައުމަކުން ވެކްސިން ގެނައުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކައި ވެކްސިނާ ދޭތެރޭ ނުރަނގަޅު ހިޔާލު އުފެދޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތަކުން އެ ދައްކަނީ އެއްވެސް ދިރާސާއެއްކުރުމެއްނެތި ދައްކާ ވާހަކަތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވި އިރު އިދިކޮޅު ފަރާތްތަކުން ވަނީ މިހާރު ދޭން ފަށާފައިވާ ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ ރާއްޖެ ގެންނަ ކޮންމެ ވެކްސިނަކީ ވަރަށް ބޮޑަށް ދިރާސާކޮށް އެ ވެކްސިންގެ ސަބަބުން ދިމާވާނެ ކަންކަން ރަނގަޅަށް ބަލައި ސިއްހީ މާހިރުންގެ ލަފަޔާއެކު ގެންނަ ވެކްސިން ކަމަށެވެ.