ކުޅިވަރު

ސަލާހްގެ ދެ ގޯލާއެކު ލިވަޕޫލް ތިންވަނައަށް، ބްރައިޓަން އަތުން ޓޮޓެންހަމް ބަލި

1

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ވެސްޓްހަމް ބަލިކުރިއިރު، ޓޮޓެންހަމް ބްރައިޓަން އަތްދަށު ވެއްޖެއެވެ.

ރަށުން ބޭރުގައި ލިވަޕޫލުން ވެސްޓްހަމް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި މުހައްމަދު ސަލާހްގެ ދެ ގޯލް ފެނިގެން ގޮސްފައިވާއިރު، ރޭގެ މެޗުގައި ސަލާހް ޖެހި ފުރަތަމަ ގޯލަކީ އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުން އޭނާއަށް ޖެހުނު ފުރަތަމަ ގޯލެވެ. މެޗުން މޮޅުވެ، 21 މެޗުން 40 ޕޮއިންޓް ހޯދައި، ލިވަޕޫލް ވަނީ ތިންވަނައަށް ޖެހިލައިފައެވެ.

މި ހަފްތާ ފެށިއިރު، ތިންވަނައިގައި އޮތް ލެސްޓާއިން ރޭ ލީގުގައި ލީޑްސް އަތުން ބަލިވެ، ހަތަރުވަނައަށް ވެއްޓިފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް 21 މެޗުން ލިބެނީ 41 ޕޮއިންޓެވެ. ލިވަޕޫލް ވަނީ ޔުނައިޓެޑާ ޕޮއިންޓަކަށް ގާތް ކޮށް، ލީގު ތަށްޓަށް އުންމީދު އާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައިވެސް ބޯޅަ ކޮންޓްރޯލްކޮށް، ލިވަޕޫލުން މުޅި މެޗު ކޮންޓްރޯލް ކުރި ނަމަވެސް، އެ ހާފް ނިންމާލީ ގޯލެއް ނުޖެހިއެވެ. އެހެން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅުގައި ސަލާހް ލީޑު ނަގައިދިނެވެ. ފުރަތަމަ ގޯލަށް 11 މިނެޓް ވީއިރަށް ލިވަޕޫލުން ލީޑު ފުޅާކުރީ މިހާތަނަށް ލީގުގައި ފެނުނު އެންމެ ކުޅަދާނަ ކައުންޓާ އެޓޭކް ގޯލުންނެވެ.

ވެސްޓްހަމްގެ ކޯނަރު ކައުންޓާ އެޓޭކަށް ބަދަލުކޮށް ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް މަތިމަތިން ޒެރްދާން ޝަގީރީއަށް ދުއްވާލިއިރު، އެ ބޯޅަ ކޮންޓްރޯލްވެސް ނުކޮށް ޝަގީރީ މަތިން ވައްޓާލީ އޭރިއާ ތެރޭގައި އޮތް ސަލާހަށެވެ. އޭނާ ރީތިކޮށް ކޮންޓްރޯލްކޮށް ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ.

ސަޑިއޯ މާނޭއަށް އަނިޔާވެ ރޭގެ މެޗުގައި ކުޅެފައި ނުވާއިރު، ދެވަނަ ހާފްގައި ރޮބާޓޯ ފިރްމީނޯ ނުކުމެ އެޓޭކް ވަރުގަދަކޮށް، ތިންވަނަ ގޯލަކަށް ފުރުސަތު ތަނަވަސްކުރިއެވެ. އެ ގޯލް ނިންމާލީ ޖޯޖީނިއޯ ވައިނާލްޑަމްއެވެ. ވެސްޓްހަމްގެ ހަމައެކަނި ގޯލަކީ ކްރެގް ޑޯސަން ކޯނަރަކުން ޖެހި ގޯލެކެވެ.

ރޭގެ މެޗުން ޓޮޓެންހަމް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ބްރައިޓަންގެ ގޯލް އެޓީމަށް ޖަހައިދިނީ ލިއޮންޑްރާ ޓްރޮސާޑެވެ. އެ މޮޅަކީ މިދިޔަ އަހަރު ޖޫން މަހަށްފަހު ބްރައިޓަންއިން ހޯމް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

ޓޮޓެންހަމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހެރީ ކޭންއަށް އަނިޔާވެ، އޭނާ ރޭގެ މެޗަށް ނުކުމެފައިނުވާއިރު، އޭނާ ނެތްތަން ފޫބެއްދުމަށް ކޯޗު މޮރީނިއޯ ނެރުނީ ގެރެތު ބޭލްއެވެ. ބޭލްއަށް މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާއިރު، މޮރީނިއޯ މެޗަށްފަހު ބުނެފައި ވަނީ ކޭން ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.

ރޭގެ މެޗުން ބަލިވެ، ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައެވެ. 20 މެޗުން 33 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު، އަންނަ ހަފްތާގައި ނުކުންނަން ޖެހޭނީ ހަތް ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށެވެ.