ކޮވިޑް ވެކްސިން ދުވާލަކު 10000 މީހުންނަށް ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށުމަށް މިހާރު ސޯޝަލް މީޑިއާގައި ކުރިއަށްދާ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވައި ވެކްސިން ޖައްސަވައި ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިން ޖެހުމަށް މިހާރު ރާވާފައިވާ ގޮތުން ދުވާލަކަށް 10،000 މީހުން ގަޔަށް ވެކްސިން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިތުރު ވެކްސިން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސްތެރޭގައި ލިބޭނެ ކަމަށެވެ. އެގޮތުން އޮކްސްފޯޑް ވެކްސިނާއި އޮކްސްފޯޑް އާއި ކޮވިޝީލްޑް ގުޅިގެން އުފައްދާފައިވާ ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނާއި ޑަބްލިއުއެޗްއޯގެ ކޮވެކްސް ވެކްސިންވެސް ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
"އަޅުގަނޑުމެންނަށް ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ވެކްސިން ދެވޭނެ. ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި އޮކްސްފޯޑާއި ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިންވެސް ލިބޭނެ. ފައިޒާ ވެކްސިން ގިނައިން ނުލިބުނެއް ކަމަކު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އެ ވެކްސިންވެސް ލިބޭނެ. އަދި ޑަބްލިއުއެޗްއޯގެ ވެކްސިންވެސް ލިބޭނެ. އިރާދަ ކުރެއްވިއްޔާ މިކަމުން އަރައިގަންނާނީ ކޮވިޑް ވެކްސިނަށް ރާއްޖެ ނުޖެހި." އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ހުރިހާ ވެކްސިނެއްވެސް ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން ގައުމުތަކުން ދީފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ވެކްސިން ހަމަސްދުވަހުގެ ތެރޭ ދީ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ވެކްސިން ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ދޭނެ ކަމަށާއި މިކަމުގައި ބަޔަކު މީހުން ދައްކާ ވާހަކަތަކަށް ނުހެއްލި ފަރުދީ ޒިންމާ އަދާކޮށް ކޮވިޑް ބަލިން ރައްކާތެރިވުމަށް އެންމެންވެސް އެއްބާރުލުން ދިނުމަށް މިނިސްޓަރު ނަސީމް ވަނީ އިލްތިމާސްކުރައްވައިފައެވެ. ވަކި ގައުމަކުން ވެކްސިން ގެނައުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކައި ވެކްސިނާ ދޭތެރޭ ނުރަނގަޅު ހިޔާލު އުފެދޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތަކުން އެ ދައްކަނީ އެއްވެސް ދިރާސާއެއް ކުރުމެއްނެތި ދައްކާ ވާހަކަތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވި އިރު އިދިކޮޅު ފަރާތްތަކުން ވަނީ މިހާރު ދޭން ފަށާފައިވާ ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމާމެދު ސުވާލު އުފައްދައިފައެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ ރާއްޖެ ގެންނަ ކޮންމެ ވެކްސިނަކީ ވަރަށް ބޮޑަށް ދިރާސާކޮށް އެ ވެކްސިންގެ ސަބަބުން ދިމާވާނެ ކަންކަން ރަނގަޅަށް ބަލައި ސިއްހީ މާހިރުންގެ ލަފަޔާއެކު ގެންނަ ވެކްސިން ކަމަށެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިއިރު ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ. ހުއްދަ ދީފައިވަނީ އެކަމުގައި ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ބަލައި ދިރާސާ ކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު އެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ 100،000 ޑޯޒް ރާއްޖޭގައި އެބަހުއްޓެވެ. އެއީ 50،000 މީހުންނަށް ވެކްސިން ދެވޭނެ މިންވަރެކެވެ. ކޮންމެ މީހަކަށްވެސް ކޮވިޑްގެ ދެ ޑޯޒް ވެކްސިން ދޭން ޖެހެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު