ވެކްސިން ޖެހުމުގެ ސަބަބުން އެއްވެސް ކަހަލަ އުނދަގުލެއް ނުވާ ކަމަށް ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ފުރަތަމަ މީހާ ކަމަށްވާ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުލް ރަހްމާން ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ ވެކްސިން ޕްރޮގުރާމު ފެށުމުގެ ގޮތުން މާފަންނު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށްފަހު، ވެކްސިން ޖައްސަވައި، ނަތީޖާ ދައްކާގޮތް ބެލުމަށް ހޭދަަކުރައްވަން ޖެހޭ 15 މިނިޓްގެ ވަގުތު ހޭދަ ކުރެއްވުމަށްފަހު، މީޑިއާއަށް މައުލޫމާތު ދެއްވަމުން، ޑރ. ޝިރާނީ އަބްދުލް ރަހްމާން ވިދާޅުވީ، ވެކްސިން ޖެހުމުން އެއްވެސް އުނދަގުލެއް ދިމާނުވާ ކަމަށާއި، "ހަމަ ވަރަށް ކޮންފޮޓަބްލް،" ކަމަށެވެ.
ޑރ. ޝިރާނީ ވިދާޅުވީ، ކޮވިޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށެވެ. އެހެންކަމުން ވެކްސިން ޖަހަން ބިރު ނުގަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެންމެ ފުރަތަަ ވެކްސިން ޖަހަން އެދުނީ، ނަމޫނާ ދެއްކުމުގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެކްސިން ޖަހާށޭ، ޖަހާށޭ، ބުނުމަށްވުރެ އަޅުގަނޑުމެން އަމިއްލައަށް ވެކްސިން ޖަހާފައި އޭތި ދައްކައިދިނީމަ ޕަބްލިކަށް އޭތި ރީޗްވާ ގޮތް ރަނގަޅުވާނެ އެހެން ވެގެން ވެކްސިންޖަހަން އެއްބަސްވީ،" ޑރ. ޝިރާނީ ވިދާޅުވިއެވެ.
ވެކްސިންގެ ދެވަނަ ޑޯޒަށް މިހާރުވެސް ހުންނެވީ ތައްޔާރަށް ކަމަށްވެސް ޑރ. ޝިރާނީ ވިދާޅުވިއެވެ.
ވެކްސިން ނުޖަހަން ބާރު އަޅާ ފަރާތްތަކަށް ޑރ. ޝިރާނީ ދެއްވަން ބޭނުންވާ ނަސޭހަތަކީ އާއްމު ދިރިއުޅުމަށް ދާން ބޭނުން ނަމަ ވެކްސިން ޖެހުމަށެވެ.
"އާއްމު ދިރިއުޅުމަށް ދާން ބޭނުންވާއިރު އެކަމަށް އޮތް ހައްލަކީ ވެކްސިން،" އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން އެންމެ ގިނަ ދުވަހު ހުންނެވި ޑރ. ޝިރާނީ ވިދާޅުވީ، ކޮވިޑް 19 ގައި އެތައް ފުރާނައެއް ގެއްލިއްޖެ ކަމަށެވެ. އެކަމަށް ދެން ކުރެވޭނެ ކަމެއް ނެތް ކަމަށާއި، ނަމަވެސް ކޮވިޑް ވެކްސިންގެ ސަބަބުން ދިރި ތިބީންނަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ކޮވިޑް ވެކްސިންގެ ސަބަބުން އެބަލި ޖެހިގެން ފުރާނަ ގެއްލިގެންދާ މީހުންގެ އަދަދު މަދު ކުރެވި، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް މަދުވާނެ ކަމަށާއި އެކަމުގެ ސަބަބުން އިތުރު ހިތްހަމަޖެހުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޑރ. ޝިރާނީ ވިދާޅުވިއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19