ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފި އެވެ.
ރާއްޖޭގައި މިއަދު ކޮވިޑް ވެކްސިން ދިނުމަށް ފަށާފައި މިވަނީ، ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން މާފަންނު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރައްމިއްޔާތަކަށްފަހުގައި އެތަނުގައެވެ.
ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖެއްސެވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން ހުންނެވި އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހްމާން އެވެ.
ރާއްޖޭގައި ޖަހަން ފަށާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ.
ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ވެސް މިއަދު ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. ކުޅުދުއްފުށީގައި ވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.
އުމުރުން 18 އަހަރުން މަތީގެ އެންމެނަށް މި ވެކްސިން ދިނުމުގެ ހުއްދަ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ދީފައެވެ. ނަމަވެސް މާބަނޑު މީހުންނަށް ވެކްސިން ދިނުމަށް ހުއްދަ އަދި ދީފައެއް ނުވެއެވެ.
ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދަނީ ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ. އޭގެ އިތުރުން އިޖުތިމާއީ ހިދުމަތުގައި އިސް ސަފުގައި ހަރަކާތެރިވާ ފަރާތްތަކާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގައި އިސްކަންދޭނެއެވެ.
ރާއްޖޭގައި މިއަދު ވެކްސިން ދޭން ފެށުމާއެކު ދައުލަތުގެ ތިންބާރުގެ ވެރިން ކަމުގައިވާ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވަނީ ވެކްސިން ޖައްސަވައިފައެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް މިއަދު ހެނދުނު ވެކްސިން ޖެއްސެވިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުން ކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު