ސަންގެލި ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 93 އަށް އަދި އަނަންތަރާ ކިހަވަށް ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 62 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޮބްލޫ ސެލެކްޓް ސަންގެލި ރިސޯޓުން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 93 އަށް އަރާފައިވާ ކަމަށެވެ.
"27 ޖެނުއަރީ، 29 ޖެނުއަރީ މި ދެ ދުވަހުވެސް ތިން މީހަކު މިވަނީ ޕޮޒިޓިވްވެފައި. އަދި 30 ޖެނުއަރީގައިވެސް މީހެއް މިވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސަންގެލިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އަނަންތަރާ ކިހަވަކުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 62 އަށް އަރާފައިވާ ކަމަށެވެ. އެ ރިސޯޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
އަނަންތަރާ ކިހާވަކާއި ސަންގެލީގެ އިތުރުން އެނބޫދޫ ފަޅުންވެސް ވަނީ ބަޔަކު ޕޮޒިޓިވްވެފައެވެ. ފަހަކަށް އައިސް ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނީ، ރިސޯޓުތަކުގެ އައުޓްބްރޭކްތައް ގާތުން މޮނީޓާކުރަމުން އަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު