ގއ. ދެއްވަދޫ ކަލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 85 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 85 އަށް އަރައިފައެވެ.
"ދެއްވަދޫ ކްލަސްޓާއިން މިވަގުތު ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 85،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ ކްލަސްޓާއިން ފަހުން ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވީ މިމަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ކަމަށެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން 1،400 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު، އެ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 470 އަށްވުރެ ގިނައެވެ.
ދެއްވަދޫން ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ދެއްވަދުއަށް ބަލި ފެތުރުނު ގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު