ދެ ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، އއ. މަތިވެރި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "ވަން" އަށް ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ ދެ އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖެއް ކަމަށެވެ. އެކުދިންނަކީ އެރަށުން މި މަހު 21 ވަނަ ދުވަހު ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓުން ކަމަށެވެ. އެ ދެކުދިން ޕޮޒިޓިވްވުމާ ގުޅިގެން މިރެއިން ފެށިގެން އެރަށަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ 21 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ އެ ދެ ކުދިންގެ މާމަ އާއި ކާފަ ކަމަށާއި އެއީ މާލެ އައިސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި ދެ ކުދިންގެ ތެރެއިން ދެ އަހަރުގެ ކުއްޖާ އޭނާގެ ކާފަ އާއި މާމަ އުރައިގެން އުޅުނު ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދީފައިވާ ކަމަށެވެ. އެ ދެ ކުދިން ޕޮޒިޓިވްވީ ހޯމް ކަރަންޓީންގެ އުސޫލުތަކާ ހިލާފުވުމުން ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އެމީހުން ތިބީ އެހެން ގެއެއްގައި، ތިބެފައި އެގެއަށް ބަދަލުވީ ފަހުން. ބައެއް ފަރާތްތަކުން އެބަހުރި ކައުންސިލަށް މައުލޫމާތު ދީފަ ދެ އަހަރު ކުއްޖާ އުރައިގެން އުޅުނު ކަމަށް. ކޮންމެވެސް ހިސާބަކުން ކަރަންޓީނުގެ އުސޫލާ ހިލާފުވީމަ ދެއްތޯ ޕޮޒިޓިވްވާނީ. އަޅުގަނޑުމެން މި އަންނަނީ އެކަން ބަލަމުން،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެގޭގައި ގްރޭޑް އެކެއް، ދޭއް، ހައެއް އަދި ދިހައެއްގައި އުޅޭ ކުދިންވެސް ހިމެނޭ ކަމަށާއި އެކުދިން ސްކޫލަށް ކިޔަވަންވެސް ގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން މިއަދު ޑޮކްޓަރަށް ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި ކޮންޓެކްޓުންގެ ގޮތުގައި 20 އަށްވުރެ ގިނަ މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮންޓެކްޓުންނާއި ރެންޑަމްކޮށް 30 ސާމްޕަލެއް ނެގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ސާމްޕަލްތައް ވަރަށް އަވަހަށް ފޮނުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ރަށުގައި ފިޔަވަޅުތައް މިހާރު ވަރުގަދަކުރެވިފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި މާސްކު އަޅައިގެން ބޭރުގައި އުޅުމަށް އަންގާފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ސްކޫލުވެސް ބަންދުކުރެވިފައިވާ ކަމަށާއި ކުޅިވަރު ކުޅޭ ތަންތަންވެސް ބަންދުކުރެވިފައިވާ ކަމަށެވެ. އިތުރު ފިޔަވަޅުތައްވެސް އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.