އިތުރު މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވެގެން، އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން އިތުރު މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކުރަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00އަށެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
މަނީލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާ ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ. އެމައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ރައީސް ޔާމީން ވަނީ އެދައުވާތަކަށް މިއަދު އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު