ރާއްޖޭގައި މާދަމާ ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމު އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ވިދާޅުވީ، އެކަމުގެ ތަފްސީލު މިއަދު ހާމަކުރައްވާނެ ކަމަށެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯސް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.
ރާއްޖެ ގެނެސްފައިވާ ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެނައި ޝިޕްމަންޓެކެވެ. އެ ވެކްސިން މާދަމާ ޖަހަން ފަށާފައިވާއިރު، "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ދީފަ އެވެ.
މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާ އެކު ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށް ކަމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން އަދި ވެކްސިން ޓާސްކު ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވީ، އިންޑިއާ އިން ފޯރުކޮށްދިން ފުރަތަމަ ޝިޕްމަންޓުގެ ދަށުން ދެ ޑޯޒު ދޭން ޖެހޭއިރު ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު