ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަތުރުވެރިންނާއި ރިސޯޓު މުވައްޒަފުން ކަރަންޓީނުގައި ބޭތިއްބުމަށް ހުޅުމާލެއިން ގެސްޓްހައުސްތަކެއް ހޯދަން ޓުއަރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއީ ކޮވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންނާއި މުވައްޒަފުން ކަރަންޓީނުކޮށް އައިސޮލޭޓް ކުރުމަށް ހޯދާ ގެސްޓްހައުސްތަކެއް ކަމަށެވެ. އެގޮތުން ހުޅުމާލެއިން ތިން ޓޫރިސްޓު ގެސްޓުހައުސް އަދި ހޮޓާ މިކަމަށް ބޭނުންވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ރިސޯޓު މުވައްޒަފުންނާއި ފަތުރުވެރިން ބޭތިއްބުމަށް ގެސްޓްހައުސްތަކާއި ހޮޓާ ދޫކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިސޯޓުތަކުގައި މިހާރު ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން ރިސޯޓުތަކުގައި މިހާރުވެސް މި ބަލި ޖެހިފައިވާ 423 މީހަކު އެބަތިއްބެވެ. މީގެ ތެރޭގައި ފަތުރުވެރިންނާއި ރިސޯޓު މުވައްޒަފުންވެސް ހިމެނެއެވެ.