އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މި ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ، މާދަމާ ހެނދުނު 9:00 ގައެވެ.
އަދުރާގެ މައްޗަށް އުފުލާފައިވާ އެ ދައުވާއަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ދައުލަތުން އުފުލި ދައުވާއެކެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.
ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށަށް އަދަބު ކަނޑައަޅާއިރު ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާނެއެވެ. މީގެ ކުރިން އެފަދަ ކުށެއް ކޮށް، ސާބިތުވެފައި ނުވާ ނަމަ އަދަބު ކުޑަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު