ހއ. މުރައިދޫން މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
މުރައިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނިޝާމް "ވަން" އަށް މިރޭ ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ ރިސޯޓުން އައި މީހެއް ކަމަށާއި އޭނާ ޕޮޒިޓިވްވީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ ކަރަންޓީނު ކޮށްފައެއް ނުވެ އެވެ.
ނިޝާމް ވިދާޅުވީ، އޭނާ ކަރަންޓީނު ކޮށްފައި ނުވަނީ އޭނާއަކީ މީގެ ކުރިން ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހަކަށް ވުމުން ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޭނާއަށް ދީފައިވާ ލިޔުން ވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރަށުން ޕޮޒިޓިވްވީ މީގެ ކުރިން ވެސް ޕޮޒިޓިވްވެފައިވާ ފަރާތެއް. އޭނާ ކަރަންޓީނެއް ނުކުރަން. އުސޫލު އޮންނަ ގޮތުން އެއް ފަހަރު ޖެހިފަ ތިބޭ މީހުން ބަލިން ރަނގަޅުވިތާ ތިން މަސް ނުވަންޏާ ކަރަންޓީން ކުރާކަށްނުޖެހޭ. އަނެއްކާ އެޗްޕީއޭގެ ލިޔުން ވެސް އޮތުމުން ކަރަންޓީން ނުކުރީ،" ނިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށް މޮނީޓަރިންގެ ހާލަތަށް މިހާރު ގެނެސްފައިވާ ކަމަށާއި އެޗްޕީއޭ އިން ވެސް އެކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި މިހާރު ރަށުގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުނިކުތުމަށާއި މާސްކު އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ފެށިގެން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ނިޝާމް ވިދާޅުވި އެވެ.
މުރައިދޫ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު ޝިފްނާ "ވަން" އަށް ވިދާޅުވީ ރަށުން މިއަދު ޕޮޒިޓިވްވި މީހާ ފުރަތަމަ ފަހަރަށް ޕޮޒިޓިވްވެ، ބަލީން ރަނގަޅުވެފައި ވަނީ މިދިޔަ މަހު ކަމަށެވެ. އޭނާގެ ސާމްޕަލް ނަގައި، އަލުން ޓެސްޓު ހަދާފައިވަނީ ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު