ކޮވިޑުގެ ކަންކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި ސާބިތުކަމާއެކު ކުރެއްވި މަސައްކަތް ފެނި, ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގެންފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ, މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކޮވިޑުގެ ވަބާ ދުނިޔެއަށް ފެތުރިގެންދާން ފެށުމާއެކު ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރާނެ ޓީމެއް އެކުލަވާލައި ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެކޮމިޓީގެ މަސައްކަތްތައް ހިންގަވަން ފެއްޓެވި ކަމަށެވެ. އަދި އެކަމުގައި ސީދާ ވެރިމީހާ އިސްވެ އަދި ސާބިތުވެ ހުންނެވިތަން ފެނުމުން އެކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"ހަމަކޮންމެ ރެއަކު، ހަމަކޮންމެ ރެއަކު އެމަނިކުފާނު އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ހާލަތަކީ ކޮބައިތޯ، ކަންކަން ހުރީ ކިހިނެއްތޯ، ކާބޯތަކެތީގެ ކަންތައްތައް ކިހިނެއްތޯ، ދަތުރުފަތުރުގެ ކަންތައްތައް ކިހިނެއްތޯ، ބޭހުގެ ކަންތައް ކިހިނެއްތޯ، މިހިރަ ހުރިހާ ކަމެއް ބައްލަވަމުން ގެންދެވި. އަތަށް ލައްވާ އަންގި އެބަހުރިތޯ، އަނގަމަތީގައި އަޅާނެ މާސް އެބަހުރިތޯ، ރާއްޖޭއަށް ކިހާވަރެއްތޯ ބޭނުންވަނީ. މިހިރަ ހުރިހާ ކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ގެންދެވީ. އަދި ސަރުކާރުން ނެރެން ޖެހޭ އިރުޝާދުތައް ނެރުއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވީ," ޝާހިދު ވިދާޅުވި އެވެ.
ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ ބަންދުވިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ރާއްޖެއަކީ ބޭހާއި ކާޑުގެ ބާވަތްތައް ބޭރުން ގެނެސްގެން އުޅޭ ގައުމަކަށްވާއިރު ވެސް ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ބަނޑުހައިހޫނުކަމުގެ ހިތްދަތިކަން ތަހައްމަލުކުރަން ނުޖެހި، އަސާސީ ބޭސްފަރުވާއަށް ނުޖެހި، ބޭނުންވި ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވި ކަމަށެވެ. އަދި އެއީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ނުކުންނާނެ ހެޔޮ ނަތީޖާ ކަމަށް ވިދާޅުވި އެވެ.
ކެޔޮދޫގައި ފެށި ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ, ފުލުހުން ފަށައިދޭ ހިދުމަތް ކާމިޔާބު ވެގެންދާނީ ރައްޔިތުން އެ ހިދުމަތް ބަލައިގަތް މިންވަރަކުން ކަމަށެވެ. އެހެންކަމުން ކެޔޮދޫގައި ފަށާ ފުލުހުންގެ ހިދުމަތް ގަބޫލުކޮށް, ބަލައިގަނެ, އެރަށުގައި ގާއިމްވެ ތިބޭ ފުލުހުންނާއެކު މަސައްކަތް ކުރެއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު