ޚަބަރު

ކަރަންޓީނު ނުވާ ގޮތަށް މިހާރު ރަށްރަށަށް ދެވޭނީ ވަރަށް ހާއްސަ ކަންކަމުގައި

ވަރަށް ހާއްސަ ކަންކަމަށް ނޫނީ ކަރަންޓީނު ނުވާ ގޮތަށް މިހާރު ރަށްރަށަކަށް ނުދެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ކުރީން ދީފައިވާ ބައެއް ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކުރީން އޮންނަ ގޮތުން ނަމަ ހާއްސަ ހުއްދައެއްގެ ދަށުން، ޒަރޫރީ ބޭނުންތަކަށް ދަތުރުކުރެވެއެވެ. ފަސް ދުވަހަށްވުރެ ދިގު ނުވާ ގޮތަށް ކުރެވޭ ގޮތަށް އޮންނަ އެ ދަތުރުތަކުގައި ކަރަންޓީނު ވާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ރަށްރަށަށް ގޮސް އުޅުމުގައި އަމަލުތައް ބަހައްޓަން ޖެހޭ ގޮތުގެ ހާއްސަ ގައިޑްލައިނެއް އެޗްޕީއޭއިން ކުރީން ވެސް އޮތީ އެކުލަވައިލައިފައެވެ.

އެޗްޕީއޭއިން އަންގާރަ ދުވަހުގެ ރޭ ވަނީ ގައިޑްލައިން ހަރުކަށިކޮށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ކަރަންޓީނު ނުވެ ރަށްރަށަށް ނުދެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

އެޗްޕީއޭގެ އެ އެންގުމާ ގުޅޭގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ވަރަށް މުހިންމު ކަމަކަށް އަތޮޅުތެރެއަށް ދާން ޖެހޭ ފަރާތްތަކަށް ކުރިން ވެސް އޮތް އުސޫލުން ހުއްދަ ދެވޭނެ ކަމަށެވެ.

"އެންގުމުގައި ހިމަނާލާފައިވާނީ ކުރީގައި އޮންނަ ފުރަބަންދު ކަރަންޓީނުގެ ވާހަކަ. މީގެ އިތުރަށް ވަރަށް މުހިންމު ކަމަކަށް އަތޮޅުތެރެއަށް ދާން ޖެހޭ ފަރާތްތަކަށް ކުރިން ވެސް އޮތް އުސޫލުން ހުއްދަ ދެވޭނެ. އެހެންނަމަވެސް އެ ހުއްދަ ދިނުމުގެ އިތުރަށް އަޅުގަނޑުމެން ކުރިއަށްވުރެ ބަލާ ވަރަށް ވަރަށް ހާއްސަ ކަންކަމަށް ނޫނީ ދެން ހުއްދަ ނުދޭ ގޮތަށް އަޅުގަނޑުމެން މިއޮތީ ހަމަޖެހިފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތެރެއަށް ދާ މީހުންގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންވެސް މިހާރު ކަރަންޓީނުވާން ޖެހެއެވެ. އެޗްޕީއޭގެ އެންގުމުގައިވާގޮތުން މާދަމާ އިން ފެށިގެން ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ފަތުރުވެރީން ފިޔަވައި އެހެން އެންމެން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ.

ކުރިން އޮންނަ ގޮތުން ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނު ވާން ނުޖެހެއެވެ. ނަމަވެސް ދިހަ ދުވަހުގެ މުއްދަތަށް ގޭގައި މާސްކު އަޅައިގެން އުޅުމާއި އެކަހެރިވެ ތިބުމަށް އަންގާފައިވެއެވެ. މީގެ އިތުރުން ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް ޕީސީއާރް ޓެސްޓު ނުހަދައިވެސް ރާއްޖެ އާދެވެއެވެ. ނަމަވެސް ރާއްޖެ އައިސް ޕީސީއާރް ޓެސްޓު ހަދަން ޖެހެއެވެ. އަދި ރާއްޖެ އައިސް ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ޖެހެއެވެ.

ނަމަވެސް ކުރިންވެސް އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހީންނާއި ބިދޭސީ މަސައްކަތްތެރީން ދިހަ ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ. އެއީ އިނގިރޭސިވިލާތުން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނުމާ ގުޅިގެންނެވެ.