ރާއްޖެ އަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ޖަހަން ވަރަށް ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީހާ ވެސް އަވަހަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބި، ބަލިން ރައްކާތެރިވާން ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޭނުން މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ޖަހަން. އަޅުގަނޑު އެދެނީ ވީހާ ވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން." ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯސް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.

ނަމަވެސް އެ ވެކްސިން ޖަހަން ފަށާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ހުއްދަ ދިނުމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި، ހުއްދަ ދީފައި ނުވާ ވެކްސިނެއް ރާއްޖެ ގެނެސްފައިވަނީ، ހުއްދަ ދޭން ފެށުމާއެކު ވަގުތުން ވެކްސިން ޖަހަން ފެށޭ ވަރަށް ސްޓޮކް ކުރުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް ވެކްސިން ޖަހަން ފަށާނެ ތާރީހެއް އަދި ބުނަން ނޭންގުނު ނަމަވެސް، ރާއްޖެ ގެނެސްފައިވާ ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެނައި ޝިޕްމަންޓެކެވެ.