ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ލަފާކޮށްފިއެވެ.

މިއަދު ހެނދުނުން ފެށިގެން މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރަމުންދާ އިރު، މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.

އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 2:45 ގެ ނިޔަލަށެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން މޫސުން ގޯސްވެފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެފަހަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރައާ ގުޅިގެން ދެކުނުގެ ބައެއް ރަށްތަކަށް ގިނަ ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.