ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މަގުމައްޗަށް ނުކުމެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުންނާއެކު މި މުޒާހަރާ ފަށާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރިން މިރޭ 9:00 ހާއިރުއެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިރު، މުޒާހަރާގެ ބައިވެރިން މިހާރު ދަނީ މަޖީދީ މަގުން ރަސްފަންނާ ދިމާއަށް ހިނގަމުންނެވެ.
އެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، އަޑުއުފުލަމުންނެވެ. މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިދިކޮޅުން ސީދާ ހަރަކާތަކަށް ނުކުމެފައިވާ އިރު، މިއަދު މެންދުރު ފަހު އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީށް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގައެވެ.
އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށްފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާއި އެ ފައިސާއިން ފައިދާ ހޯދަމުން އަންނަ ކަން ވެސް ވަނީ ސާބިތުވެފައެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުން ނެރުނު ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން އެ ހުކުމްކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު