މިދިޔަ 24 ގަޑިއިރު ތެރޭ 143 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 15،390 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 112 މީހަކާއި އަތޮޅުތެރެއިން ހަތް މީހަކާއި ރިސޯޓުތަކުން 24 މީހެއް ކަމަށެވެ.

މި ހަފުތާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. މި ހަފުތާގެ މިހާތަނަށް 505 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު 108 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ހޯމަ ދުވަހު 109 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އިއްޔެ 145 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ މަހު ދަށުގައި އުޅުނު ނަމަވެސް، މިމަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 50 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 13،966 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1،366 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 101 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައެވެ. އެއީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.