ފ. ނިލަންދޫއަށް ސާވޭއަކަށް ފޮނުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށު ކުނިގޮނޑުގެ ސާވޭއެއް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ހަތަރު ބޭފުޅަކު މިދިޔަ ބުރާސްފަތި ދުވަހު މާލެއިން އެރަށަށް ދިޔަ ކަމަށެވެ.

އަދި އެބޭފުޅުން މިދިޔަ އާދީއްތަ ދުވަހު އެނބުރި މާލެ ވަޑައިގެންނެވި އިރު، އޭގެ ތެރެއިން އެއް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް އެކަން އެޗްޕީއޭ އިން ނިލަންދޫ ކައުންސިލަށް އެންގީ މިއަދު އެވެ.

އަލީ މުހައްމަދު ވިދާޅުވީ، އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި އެންމެން ކަރަންޓީނު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 20 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށާއި އަދި މިދިޔަ މުއްދަތުގައި ކޮންޓެކްޓުވި އެއްވެސް މީހަކު ރަށުން ބޭރަށް ގޮސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައި ކުރިން ސަރުކާރު މުވައްޒަފުންނަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ނަގައިގެން ކަރަންޓިނު ނުވެ ފަސް ދުވަހަށް މާލެއިން އަތޮޅުތަކަށް ދެވެ އެވެ.

ނަމަވެސް ކޭސްތައް އިތުރުވާން ފެށުމުން، އެ އުސޫލަށް އެޗްޕީއޭ އިން ބަދަލު ގެނެސް، މިހާރު އާންމުކޮށްފައިވާ ގައިޑްލައިނުގައިވާ ގޮތުން އެއްވެސް މީހަކަށް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާ ގޮތަށް ނޫނީ އަތޮޅުތަކަށް ގޮސް ރަށްރަށަށް އެރުމަކީ މަނާ ކަމެކެވެ.