ހާއްސަ ހުއްދަ ކުރީން ލިބިފައިވާ ފަރާތްތަކަށް އެ ހުއްދައާ އެއްގޮތަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ކަމަށް "ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް'" ތަސްލީމާ އުސްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، އަދަދުތައް 100 އިން މަތީގައި ހުންނަތާ ހަތަރު ދުވެސް ވެފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ވަނީ ކުރީން ދީފައިވާ ބައެއް ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން ކުރީން އޮންނަ ގޮތުން ނަމަ ހާއްސަ ހުއްދައެއްގެ ދަށުން، ޒަރޫރީ ބޭނުން ތަކަށް ދަތުރު ކުރެވެ އެވެ. ފަސް ދުވަހަށްވުރެ ދިގު ނުވާ ގޮތަށް ކުރެވޭ ގޮތަށް އޮންނަ އެ ދަތުރުތަކުގައި ކަރަންޓީނު ވާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ރަށްރަށް ގޮސް އުޅުމުގައި އަމަލުތައް ބަހައްޓަން ޖެހޭ ގޮތުގެ ހާއްސަ ގައިޑްލައިނެއް އެޗްޕީއޭއިން ކުރީން ވެސް އޮތީ އެކުލަވައިލައިފަ އެވެ.

އެޗްޕީއޭއިން ރޭ ވަނީ ގައިޑްލައިން ހަރުކަށިކޮށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެ ގޮތުން ކަރަންޓީނު ނުވެ ރަށްރަށަށް ނުދެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި ނިންމުމާ ގުޅިގެން، ހާއްސަ ހުއްދަ ކުރީން ލިބިފައިވާ މީހުންނަށް ވާނެ ގޮތެއް ނޭނގޭތީ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ތަސްލީމާ ވިދާޅުވީ އާ ގައިޑްލައިން ނެރުމާއި ހަމަޔަށް ހާއްސަ ހުއްދަ ލިބިފައިވާ މީހުންނަށް އެ ހުއްދައާ އެއް ގޮތަށް ދަތުރު ކުރެވޭނެ ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ދަތުރު ކުރައްވާ ފަރާތްތަކުން ވެސް ކޮވިޑުގެ މި ހާލަތުގައި ރައްކާތެރިކަމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް ކާފިއު ހިންގުމަށާއި މިހިނދުން ފެށިގެން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ފަތުރުވެރީން ފިޔަވައި އެހެން އެންމެން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭ ގޮތަށް ވެސް ރޭ އަލަށް ނެރުނު ގައިޑްލައިންގައި ވަނީ ހަމަޖައްސައިފަ އެވެ.