މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން އަނެއްކާވެސް މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރެފައިވާ އެންގުމެއްގައި ބުނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މިހިނދުން ފެށިގެން މަނާކުރާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ބަލި ކޮންޓްރޯލްކުރުމަށް މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާ އަދި ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. ގިނަ ދުވަސްތަކަކަށްފަހު އެފަދަ ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން މިއަދުން ފެށިގެން މިރޭ 12:00 އިން ފެށިގެން ފަތިހު 4:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށްވެސް އެ އެންގުމުގައި ބުންޏެވެ.

އެ އެންގުމުގައި ބުނީ އެންގުން އާއްމުކުރި ހިނދުން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރާނެ ކަމަށާއި އަންނަ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ މިފަހަކަށް އައިސް މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިމަހުގެ މިހާތަނަށް 1،500 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ މާލޭ ސަރަހައްދުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންނެވެ.