ތ. އަތޮޅު ތައުލީމީ މަަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތު އެ ސްކޫލުގެ ލެބޯޓަރީ ގޮއްވާލުމަށް ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ރޭވި ކަމަށް ފުލުހުން ބުނެފި އެވެ.
ޓެރަރިޒަމް ހަމަލާއެއް ރާއްޖެއަށް ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މި މައްސަލާގައި އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މީހުން ހައްޔަރު ކޮށް ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ތ. އަތޮޅު ތައުލީމީ މަަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތު އެ ސްކޫލުގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވި ކަމަށާއި އެ ދުވަސްކޮޅު އެ ސްކޫލުގެ ލެބޯޓަރީގެ ކެމިކަލް ރައްކާ ކުރާ ގުދަން ފަޅާލައި ވައްކަން ކޮށްފައިވާކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރު ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ނަމަކަށް ކިޔާ ދޯޏްޏަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި އަށް މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއް ގޮތުގައި މީހަކު ކަނޑައަޅާފައިވާ ކަމަށާއި އެމީހާ އިސްކޮށް ހުރެގެން ހުރިހާ ކަމެއް ރޭވި ކަމަށެވެ.
އެގޮތުން ސްކޫލްގައި އޯލެވެލް އިމްތިހާނު ހަދާ ވަގުތު ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް އެމީހުން ރޭވި ކަމަށާއި އެ ދުވަސްކޮޅު އެ ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ގުދަން ފަޅާލައި ވައްކަން ކުރި ކަމަށްވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތިމަރަފުށިން ފާސްކުރި ގޭގެއިން ކެމިކަލް އާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައްވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ނަސާހް-3" ދޯނި ބަލައި ފާސްކުރުމަށް ފަހު އެ ދޯނިން އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަހައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް