ރާއްޖެއަށް ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތ.ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ މައުލޫމާތު އާންމުކޮށް އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މީހުންގެ މައުލޫމާތު އާންމު ކޮށްފައިވަނީ މިއަދު ފުލުހުން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންނަށް ދައުވާކޮށްދިނުމަށް އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް އަށް މީހަކު ހައްޔަރުކޮށް ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
- - އަބްދުﷲ ޝަރީފް، ފެހިވިދުވަރު/ ތ.ތިމަރަފުށި
- - އަހްސަން މުހައްމަދު، ކެނެރީގެ/ ތ.ތިމަރަފުށި
- - އަލީ މުނީޒު، ކެނެރީގެ/ ތ.ތިމަރަފުށި
- - މުހައްމަދު އާސިރު، އަސުރުމާގެ/ ތ.ތިމަރަފުށި
- - އަލީ އަރުހަމް މުހައްމަދު، ފެހިވިލާ/ ރ.ކަނދޮޅުދޫ
- - ޝަމާހް ޝަރީފް، ސައިމާ/ ތ.ތިމަރަފުށި
- - އިބްރާހިމް ލޫތު، ރޯޒްމީޑް/ ނ.ކުޑަފަރި
- - އަބްދުﷲ އިމާދު، ބީޗް ހައުސް/ ރ.މަޑުއްވަރި
ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގާ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރު ކޮށްފައިވަނީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދޯނީގައި އައިއީޑީއެއް ހަދައި ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ރިޕޯޓު ލިބުނު ކަމަށާއި މި ދޯންޏަށް އަރައި ބަލައި ފާސްކުރި އިރު އައިއައިޑި ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަހައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް "ނަސާހް 3" ދޯންޏަކީ މި ގްރޫޕްގެ އިސް މީހަކު އޮޕަރޭޓްކުރާ ދޯންޏެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ. އަދި އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގާ ބައެއް ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލހުން ބުންޏެވެ. އަދި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުންވެސް މި މީހުންނަކީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ބައެއް ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގައި އެކި ފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވައި ރާއްޖޭގައި ލިބެން ހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރު ލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެން ކަމަށެވެ. އެމެސެޖުގައި ބުނެފައިވަނީ "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގަ އެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ހަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގަ އެވެ. އަންދާލުމުގައްޔާއި، ދަންޖެއްސުމުގަ އެވެ." އަދި މި މެސެޖާއި ގުޅިގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ތައްޔާރުވަމުންދިޔަ ކަމަށްވެސް ފުލހުން ވަނީ ބުނެފަ އެވެ.
މި މެސެޖާ ގުޅިގެން ރާއްޖޭގައި އައިސިސް ޖަމާއަތަށް ތާއީދު ކުރާ މީހުންގެ ތެރެއިން، އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއް ގޮތުގައި މީހަކު ކަނޑައެޅި ކަމަށާއި އޭނާ އިސްކޮށް ހުރެގެން ރާއްޖޭގެ ޓެރަރިސްޓު ހަމަލާއެއް ދޭން ތައްޔާރުވި ކަމަށެވެ. މިމައްސަލާގައި ތިމަރަފުށިން 16 ގެއެއް ބަލައި ފާސްކޮށް، "ނަސާހް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ފާސްކުރި އިރު، ތުހުމަތަށް ހައްޔަރުކުރި މީހެއްގެ ފޯނުން އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތިމަރަފުށީ ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ ލިޔުމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތު އެ ސްކޫލްގެ ލޭބޯޓަރީގެ ކެމިކަލް ރައްކާ ކުރާ ގުދަން ގޮއްވާލުމަށް ރޭވި ކަމަށާއި އަދި އެ ދުވަސްކޮޅު އެ ލެބޯޓަރީ ފަޅާލައި ވައްކަންކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން ތިމަރަފުށިން ފާސްކުރި ގެއެއްގެ ތެރެއިން އައިއައިޑީ ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުރުމާއި ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާ ކަމަށާއި މިމައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެގޮތުން ކުޑަކުދިންނަށާއި ދަތި ހާލުގައި އުޅޭ މީހުންނަށާއި ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ކުރާ ކަމަކީ ދީނީ ކަންކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި އޭގެ ފަހުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެ ކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށްބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުވުމަށް ބާރުއަޅާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުންވެސް ދީނީގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި ހަރުކަށި ފިކުރާ ގުޅުން ހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާ ހަވާލުކޮށް އެ ކިޔުމަށް ބާރުއަޅައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މައިބަފައިންނަކީ ކާފަރުންގެ ގޮތުގައި ވިސްނައިދީ އެމީހުންގެ ބަސް ގަބޫލު ނުކުރުމަށް ހިތްވަރުދީ އެމީހުން އާއިލާ އާއި މައިންބަފައިންނާއި ވަކިން އުޅުމަށް ހިތްވަރު ދީފައިވާކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިގޮތަށް ހައްލާލެވޭ ކުދިންނަށް އެކިގޮތްގޮތުން ފައިސާ ނުވަތަ އެއްޗެހި ދީގެން އެހީތެރިވެދީ އެކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތްކުރާ ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުންކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް އެ ފަރާތްތަކަށް ބާރުއަޅާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު