މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ބޭނުންވެގެން ޓަގު ބޯޓެއް ބަނުމަށް 2008 ވަނަ އަހަރު ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލު ކޮށްގެން ހިނގައިދިޔަ ކަންތަކުގައި، އެ ޓަގް ބޯޓެއް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި 42 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސް އަށް ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސެންޓަ އެންޓަ ޕްރައިޒަސްއިންޓް ބޯޓު ބެލެހެއްޓުމުގެ ފީއެއްގެ ގޮތުގައި ދައްކަންޖެހޭ 42 މިލިއަން ރުފިޔާއަކީ ނުދައްކައި ހުރި ފައިސާކަން ސާބިތުވާ ކަމަށެވެ.
މި މައްސަލަ އެމްޕީއެލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި، އެމްޕީއެލްއިން ސެންޓަ އެންޓަ ޕްރައިސަސްއަށް 42 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރާކަމަށް ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލަ އެމްޕީއެލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ، 2008 ވަނަ އަހަރު ސެންޓަރާއި އެކު އެމްޕީއެލް އިން ކޮށްފަިއވާ އެގްރީމެންޓްގެ ދަށުން ބަންނަން ހަވާލު ކުރި ޓަގު ބޯޓު، މިއަދާ ހަމައްވެސް ފުރިހަމަކޮށް އެ ކުންފުންޏާ ހަވާލު ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ދޭތެރެއަކުން އިންވޮއިސްއެއް ފޮނުވައިގެން އެ ބޯޓު ބަލަހައްޓާކަމަށް ބުނެ ފައިސާ ހޯދަން ސެންޓަ އެންޓަ ޕްރައިސަސްއިން ދައުވާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބޯޓު ބަނދެ އެމްޕީއެލްއާ ހަވާލު ކުރުމާ ހަމައަށްވެސް އޭތި ބެލެހްޓުމުގެ ހުރިހާ ޒިއްމާއެއްވެސް އަދާކުރަން ޖެހޭ ފަރާތަކީ ސެންޓަ އެންޓަ ޕްރައިސަސް ކަމަށާއި، 2008 ގައި ކޮށްފައިވާ އެގްރީމެންޓްގެ ދަށުން އެ ޓަގު ބަނދެ ނިންމައި އެމްޕީއެލްއާ ހަވާލު ކުރުމާ ހަމައަށް ހުރިހާ ޒިންމާތަކަކާ ސެންޓަ އެންޓަ ޕްރައިޒަސް އިން ހަވާލުވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ބޯޓު ބަލަހައްޓާމަތިން ފައިސާ ދޭން އެމްޕިއެލްއިން އެއްބަސްވެފައި ނުވާ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.
މި މައްސަލައަށް ރައްދު ދެެއްވައި ސެންޓަ އެންޓަ ޕްރައިސަސްގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ އެ ޓަގް ބޯޓު ބެލެހެއްޓުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެމްޕީއެލް އިން އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އެކަން އެ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ އޭރު އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ސިޓީއަކުން ކަމަށާއި، އެ ބޯޓު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށްފަހު ބެލެހެއްޓުމުގެ ކަންކަމަށް އިންވޮއިސް ހުށަހެޅުއްވުމުން އެމްޕީއެލްގެ ފަރާތުން ފައިސާ ދޫކުރާނެ ކަމަށް އެ ސިޓީން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސެންޓަ އެންޓަ ޕްރައިސައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި ޓަގް ބޯޓް ޕްރޮޖްކްޓެއްގެ މައްސަލާގައި އެ ކުންފުންޏަށް 160 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް މީގެ ކުރިން ވަނީ ހުކުމް ކޮށްފަ އެވެ.
އެފައިސާ ދައްކަން ޖެހުނީ ސެންޓަ އެންޓަ ޕްރައިސައިސަސް އާ ހަވާލު ކުރި ޓަގް ބޯޓު ބަނުމުގެ ޕްރޮޖެކްޓް ހުއްޓުވުމުން އައިޑަލް ޓައިމް ޗާޖު ހޯދަން ވަކި ވަކިން ކުރި ދެ ދައުވާ އަކަށެވެ.
ސުޕްރީމް ކޯޓް