ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ނުބައި ވަހެއް ދުވާ ކަމަށް ބުނެ، އިންޑިއާ މީހަކު އުމުރުން ދުވަސްވީ މީހާ މިސްކިތުން ނެރެން މަސައްކަތްކޮށް މާރާމާރީ ވަނީ ހިންގައިފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް ފުރަތަމަ ކޯޓުން ދިނީ ދިހަ ދުވަހުއެވެ. ފުލުހުން ބުނީ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެމީހާގެ ބަންދަށް އިތުރު ފަސް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާ މީހާއަކީ މަސްތުވެގެން ހުރެ މިސްކިތަށް އެރި މީހެކެވެ.