ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ޖަޒީރާ ސައްލާގެ ފުރަތަމަ ޕްރޮގްރާމް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް ވިދާޅުވީ ފުރަތަމަ ޕްރޮގްރާމް އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:30ގައި އޮންނާނެ ކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ކަމަށެވެ. އަދި ފުރަތަމަ ޕްރޮގްރާމްގައި އޮންނާނީ ކޮވިޑުގެ އިޖާބައާ ގުޅޭ މަޝްވަރާތައް ކަމަށެވެ.
މަބްރޫކް ވިދާޅުވީ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއް މެދުވެރިކޮށް ސުވާލު ފޮނުވޭނެ ކަމަށާއި ބުދަ ދުވަހުގެ މެންދުރު ފަހު 2:30ގެ ކުރިން ސުވާލުތައް ފޮނުވަންވާނެ ކަމަށެވެ. އަދި ވިދާޅުވީ މަހަކު އެއް ފަހަރު ޖަޒީރާ ސައްލާ ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށާއި ކޮންމެ މަހަކުވެސް އެއް އިދާރާއެއްގެ ޕޮލިސީމޭކަރަކާއެކު ބައްދަލުކުރާނެ ކަަމަށެވެ.
"ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ވީހާވެސް ގާތުން އަޑުއަހައި އެ ކަންބޮޑުވުންތައް ހައްލުކޮށްދިނުން، އަޅުގަނޑަކީ ރައްޔިތުންގެ ސުވާލުތައް އެ ޕޮލިސީ މޭކާއާ ހަމައަށް ގެނެސްދޭނެ މެދުވެރިޔާ. ހޯސްޓްގެ ބަދަލުގައި އެޑްވޮކޭޓާ، ރައްޔިތުންގެ އެޑްވޮކޭޓާއެއްގެ ގޮތަށް،" މަބްރޫކް ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު ކަމުގައި މަބްރޫކް ވަނީ ކޮވިޑާ ގުޅިގެން ވަރަށް ގިނަ މައުލޫމާތުތައް ހިއްސާކުރައްވައިފައެވެ. އަދި އެންއީއޯސީގެ ދުވަސްވަރު ނަޒްލާއާ ދެބޭފުޅުން އެކުގައިވެސް ވަނީ ވަރަށް ގިނަ ޕްރެސްތަކުގައި މައުލޫމާތު ދެއްވައިފައެވެ. މިއީ އެންއީއޯސީގެ ތަރުޖަމާނުގެ އުވާލައި، އެޗްއީއޯސީ އުފެއްދި ފަހުން ދެ ބޭފުޅުން އެކުގައި ބާއްވާ ފުރަތަމަ ޕްރޮގްރާމެވެ.
ޖަޒީރާ ސައްލާ އަކީ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތައް ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ އެޕިސޯޑެއްގައިވެސް ކަނޑައަޅާ މުއައްސަސާއެއްގެ ބޭފުޅަކާއެކު ރައްޔިތުންނާ ބައްދަލުކުރާނެއެވެ. އެގޮތުން އެ މުއައްސަސާތަކުގައި ހުރި ކަންބޮޑުވުންތަކާއި ޕޮލިސީ ލެވެލްގައި ގެންނަން ޖެހޭ ބަދަލުތަކާއި ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ފޮނުވާ ހިޔާލުތަކާއި ފޮނުވާ ސުވާލުތަކަށް ޖަވާބު ދެވިގެންދާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ޖަޒީރާ ސައްލާގެ ނަމުގައި ޕްރޮގްރާމެއް ފަށާ އިރު، މީގެ ކުރިން ވަނީ އާންމުންގެ ހިޔާލު ހޯދަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާ ދެމެދުގައި "ޖަޒީރާ ހޮޅުއަށި" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މަހަކު ދެ ފަހަރު ބޭއްވުމަށް ނިންމާފައިވާ އެ ޕްރޮގްރާމްގައި މިހާތަނަށް ބާއްވާފައިވަނީ އެންމެ ތިން ޕްރޮގްރާމެވެ. އެންމެ ފަހު ޕްރޮގްރާމް ބާއްވާފައިވަނީ މަސްވެރިންނާއެކު 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު