ގއ. ދެއްވަދޫ ކްލަސްޓާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ދެއްވަދޫ އާއި ދާންދޫން އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވީ މީހުންގެ އަދަދު 83 އަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

"22 ޖެނުއަރީގައި ދެއްވަދޫން އެކަކު މިވަނީ ޕޮޒިޓިވްވެފައި، 23 ޖެނުއަރީގައި ދާންދޫން އެކަކު ޕޮޒިޓިވްވެފައި. އަދި މިއަދު ދެއްވަދޫން ދެ މީހަކު ޕޮޒިޓިވްވެފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން 1،400 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު، އެ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 470 އަށްވުރެ ގިނައެވެ.

ދެއްވަދޫން ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ދެއްވަދުއަށް ބަލި ފެތުރުނު ގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވިއެވެ.