ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތައް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާ ދައުލަތުން އުފުލާފައިވެއެވެ.
އޭނާގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގެ ބާވަތުން މިއަދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް މީހަކު ނުވައްދައެވެ.
އެހެންކަމުން އެ ޝަރީއަތާބެހޭ މައުލޫމާތުދެމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ދައުވާތަކަށް އަލީ ވަހީދު އިންކާރު ކުރެއްވުމާ ގުޅިގެން ދައުލަތުން ހެކި ހުށަހެޅި ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އަލީ ވަހީދުގެ މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފައެވެ. އޭގެ އިތުރުން އަލީގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. މި މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު