ކޮވިޑްގެ ހާލަތުގައި ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑުގެ ހާއްސަ ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި ސައުދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސައުދީގެ ހާރިޖީ ވަޒީރާއި އެގައުމުގެ ސަރުކާރާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލެއްވެސް ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އެގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާ އެއްގޮތަށް، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަކަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހަދަން ޖެހެއެވެ. ރިޒަވޭޝަން ހަދަން ޖެހޭނީ ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕެއް ނުވަތަ ޓްރެވަލް އެޖެންޓެއް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާއަށް ފުރުމުގެ 72 ގަޑިއިރު ކުރިން ރާއްޖެއިން ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ ކޮވިޑަށް ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުމާއެކު ސައުދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު، އުމްރާގެ އަޅުކަން އަދާކުރާ މީހެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވާއިދުގައިވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް މި ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ގައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ރާއްޖެއިން އެންމެ ފަހުން ބަޔަކު އުމްރާއަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ކޮވިޑްގެ ސަބަބުން ސައުދީގައި މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށްވެސް ހުއްދަ ދީފައިވަނީ އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަކި ބަޔަކަށެވެ.

ރާއްޖެއިން އުމުރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިހާތަނަށް 37 ކުންފުންޏަކަށް ދީފައެވެ.