މ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް "ވަން" އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އެރަށުން މާލެ ދިޔަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައިވާ ކަމަށެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެމީހާއަށް ސީދާ ބަލި ޖެހުނު ގޮތް ދެނެގަތުމަށާއި އެކަން އެނގުމުން އެރަށް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

"އެމީހާއަކީ މި މަހުގެ 19 ވަނަ ދުވަހު މިރަށުގައި ހުރެފައި މާލެ ދިޔަ މީހެއް. އެމީހާ ޕޮޒިޓިވްވެފައިވާތީ، ރަށް މިހާރު މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި. އެއީ އެމީހާއަށް ސީދާ ބަލި ޖެހުނުގޮތް ނޭނގޭތީ. މި ރަށުން ޖެހުނު ކަމަށްވެސް ވެދާނެތީ،" ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އެމީހާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމީހާއާ ކޮންޓެކްޓުވީ މީހުން އެރަށު ސިއްހީ މަރުކަޒަށް އެންގުމަށް އެދިފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއެކު ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި މާސްކު އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި އެއްވެ ނޫޅުމަށާއި މިސްކިތްތަކުގައިވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށް، އެކަންކަން މޮނީޓާ ކުރެވެމުން އަންނަ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް އިތުރަށް ވިދާޅުވީ ރަށުގައި އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ހަވީރު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރާނެ ކަމަށެވެ. އަދި އެއަށްފަހު ސްކޫލް ބަންދުކުރުމާއި އެހެނިހެން ކަންކަން ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅިގެންދާނެ ކަމަށެވެ.