ސިނަމާތަކުގައި އަޅުވާ ކޮންމެ ޝޯއަކަށް ޓިކެޓް ނެގި މީހުންގެ ނަމާއި، ފޯނު ނަންބަރާއި، ސީޓު ނަންބަރާއި، އެޑްރެސް ލޮގްކޮށްފައި ހުންނަން ޖެހޭ ގޮތަށް ސިނަމާތައް ހުޅުވައި އަމަލު ކުރަންވީ އުސޫލު އެޗްޕީއޭއިން އާންމުކޮށްފި އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލުތައް ބޭނުން ކުރަންވީ އުސޫލު ބާތިލުކޮށް އަލުން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ސިނަމާތަކުގައި އަޅުވާ ޝޯތަކަށް ޓިކެޓް ގަންނަ ފަރާތްތަކަށް ފްރީ ސީޓިންގެ ބަދަލުގައި ސީޓު ނަންބަރު ޖަހާފައި ޓިކެޓް ވިއްކުމަށް ވަނީ އަންގާފަ އެވެ. އަދި ސީޓު ބަދަލު ނުކުރުމަށް އަންގަންވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.

ކޮންމެ ޝޯއަކަށް ޓިކެޓް ނެގި މީހުންގެ ނަމާއި، އެޑްރެސް، ފޯނު ނަންބަރުގެ އިތުރުން ސީޓު ނަންބަރާއި ތާރީހުވެސް ނޯޓުކޮށްފައި ހުންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އަދި ޓްރޭސްއެކީ އެޕް އެޅުމަށް ބާރު އެޅުމަށްވެސް މި އުސޫލުގައި ވަނީ ބުނެފަ އެވެ.

އުސޫލުގައިވާގޮތުން އޮންލައިންކޮށް ޓިކެޓް ވިއްކުމަށް ބާރު އެޅުމާއި ފައިސާގެ މުއާމަލާތް ހިންގާއިރު ސީދާ ނަގުދު ފައިސާގެ މުއާމަލާތް ނުހިންގުމަށް ވަނީ އަންގާފަ އެވެ. އަދި ސިނަމާ ހޯލަށް ވަންނަ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ނުވަތަ އެއް ގުރޫޕަކަށް ނިސްބަތްވާ މީހުން ފިޔަވައި އެހެން މީހުން، މަދުވެގެން ހުރިހާ ކޮޅަކުންވެސް ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.

ސިނަމާ ހޯލަށް ފެންފުޅި ފިޔަވައި އިތުރު ކާއެއްޗެއް ނުވެއްދޭނެ ކަމަށާއި ކާބޯތަކެތި އެތަނުގައި ވިއްކުމަކީ މަނާކަމެއްކަމަށްވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި ކޮންމެ ޝޯއެއް ނިމުމުން ތަން ޑިސްއިންފެކްޓް ކުރަންޖެހޭނެ ކަމަށާއި އެކި ދަންފަޅިއާއި އެކި ޝޯތަކަށް ސިނަމާގެ ގަޑިތައް ބަހާލާފައިވާނަމަ އަންނަ މީހުން ދިމާނުވާނޭހެން އިންތިޒާމް ހަމަޖެއްސުމަށްވެސް އުސޫލުގައި ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ތަނަށް ވަންނަ ހުރިހާ ފަރާތްތައް މާސްކު އަޅައިގެން ތިބިތޯ ބަލަން ޖެހޭނެ ކަމަށާއި ވަންނަ ފަރާތްތަކާއި މުއާމަލާތު ކުރުމަށް ތިބޭ މުވައްޒަފުން މާސްކުގެ އިތުރުން ފޭސް ޝިލްޑު އަޅަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި ތަނަށް ވަންނަ ދޮރު ކައިރީގައްޔާއި އެތެރޭގެ އެކި ހިސާބުތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ފެންނަހެން ތަތްކޮށްފައި ހުންނަންޖެހޭނެ ކަމަށާއި ޓިކެޓް ނަގާ ފަރާތްތަކަށްވެސް ދުރާލައި މިހުރިހާ މައުލޫމާތު ދޭން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.