ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކުލާސްތައް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.

ކޮވިޑް 19އާ ގުޅިގެން ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރީ މާޗު 16 ގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެތަންތަން ހުޅުވަން ވާނީ، ކޮވިޑް 19އިން ރައްކާތެރިވުމަށް އެކުލަވާލައިފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.

ޓިިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ދީފައި މިވަނީ ސްކޫލުތައް ހުޅުވުމަށް ފަހުވެސް އެތަންތަން ހުޅުވުމުގެ ހުއްދަ ނުދޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ނުދީ ލަސްވުމާ ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެތަންތަނަށް ހުއްދަ ނުދީ ގިނަ ދުވަސްވަނީ އޭގެ ތެރެއިން ގިނަ ތަންތަނަކީ ގައިދުރުކަން ކަށަވަރު ނުވާނެ ފަދަ ތަންތަން ކަމަށްވާތީ ކަމަށެވެ.