އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ބަންގަލާދޭޝަގެ ރައްޔިތަކު ފުލުހުން ހޯދަން ފަށައިފިއެވެ. މި މައްސަލައަކީ ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެމައްސަލައިގައި ބަންލަދޭޝް ރައްޔިތެއް ކަމުގައިވާ އެމް ޑީ އިދްރިޝް (34 އަހަރު) ހޯދަމުން އަންނަނީ ފުލުހުންނަށް ހާޒިރުކުރުމަށް ބޭނުން ވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާންވެސް ކޮށްފައެވެ.
އެމައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން، ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އޭނާ ހާޒިރު ވުމަށް އިއުލާންގައި ފުލުހުން ވަނީ އަންގައިފައެވެ.