ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ޖެހުން މަޖުބޫރު ނުކުރާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން ގެންދަނީ ކޮވިޑު ވެކްސިނަށް އާންމުން ހޭލުންތެރި ކުރުވުމަށް ސުވާލާއި ޖަވާބު ހިމެނޭ މައުލޫމާތުތަކެއް ހިއްސާ ކުރަމުންނެވެ. އޭގައި ބުނެފައިވަނީ ވެކްސިން ޖެހުން މަޖުބޫރު ނުވާނެ ކަމަށާއި ނަމަވެސް އެ ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށެވެ. އަދި ގިނަ ބަޔަކު އެ ވެކްސިން ޖަހައިފިނަމަ، އާއްމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށް ބުންޏެވެ.
"ވަކި ފަރުދަކަށް ބަލައިފިކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ،" އެޗްއީއޯސީން ބުންޏެވެ.
އެޗްއީއޯސީން ބުނީ ވެކްސިން ޖެހުމަށް ދެކޮޅު ހެދުމަކީ މުޅި ދުނިޔޭގައި ވެސް ހިނގާ ކަމެއް ކަމަށާއި މިއީ ރާއްޖޭއިން ވެސް ފާހަގަވަމުން އަންނަ މައްސަލައެއް ކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމާއި ދެކޮޅު ހަދާ މީހުންނަށް ވެކްސިން އަދި ކޮވިޑާ ގުޅޭ ތެދު މައުލޫމާތު ގިނަގިނައިން އާންމުންނަށް ފޯރޮކޮށްދެވޭނެ ކަމަށް ބުންޏެވެ.
ކޮވިޑާ ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓުކޮށްފައިވާ ވެކްސިންތަކެއް ކަމަށާއި މި ވެކްސިން ޓެސްޓު ކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައިނުވާތީ މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެ ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.
އެ ސެންޓަރުން ބުނީ ކޮވިޑުގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު އެ ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތު އެނގިފައިނުވާ ކަމަށެވެ. ސަބަބަކީ މިކަމަކީ އަދިވެސް ދިރާސާ ކުރަމުން އަންނަކަމަކަށް ވެފައި، ޔަގީން ކުރެވޭނީ ގިނަ ހޯދުންތައް ހޯދައި އެކަމުގެ މައުލޫމާތުތައް އެއްކުރެވިގެން ކަމަށްވާތީ ކަމަށެވެ. ނަމަވެސް މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާގޮތުން ވެކްސިންގެ އަސަރު އެއް އަހަރު ދުވަހަށް ދެމިހުންނާނެ ކަމަށް ބުންޏެވެ.