އެތައް މަސްތަކެއް ވާންދެން ގޭބަންދުގައާއި ރަށު ބަންދުގައި ތިބޭން ޖެހުމުގެ ސަބަބުން ދިވެހީން މިހާރު ތިބީ ފާޑެއްގެ އިޖުތިމާއީ ވަރުބަލިކަމެއްގެ ތެރޭގައި ކަމަށާއި އެކަމުން އަރައިގަނެ އިގުތިސޯދުގައި ދިވެހީން ހަރަކާތްތެރިވެގަތުމަށް ޓަކައި، އެމީހުންނަށް ހާއްސަކޮށް ޑޮމެސްޓިކް ޓޫރިޒަމް ހުޅުވައިލުން އަވަސްކުރާން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އިކޮނޮމީ ކޮޅަށް ޖެހުމަށާއި އެ ގައުމުތަކުގެ ރައްޔިތުން އަލުން އަނބުރާ އާދައިގެ ދިރިއުޅުމަށް ގެނައުމަށް ޓަކައި ކޮވިޑުގެ މި ހާލަތުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ ޑޮމެސްޓިކް ޓޫރިޒަމް ހުޅުވައިލުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާން ޖެހެނީ ފުރިހަމަ ރައްކާތެރިކަމާ އެކުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެހެން ގައުމުތަކުގައި ވެސް އެންމެ ފުރަތަމަ އެއް ކަމަކަށް އިކޮނޮމީ ހިންގައިގަތުމަށް ކުރި ކަމަކީ ޑޮމެސްޓިކް ޓޫރިޒަމް އެ ގައުމުތަކުގެ އެތެރޭގައި ހުޅުވާލީ. ރާއްޖޭގައި ވެސް މިހާލަތުގައި ޑޮމެސްޓިކް ޓޫރިޒަމް ވަރުގަދައަށް ހިންގުމަކީ ވަރަށް މުހިންމުކަމެއް. މީހުން މިތިބީ ވަރަށް ބޮޑަށް ފްރަސްޓްރޭޓް (ނާއުއްމީދު) ވެފަ. އެމީހުންގެ ބިހޭވިއާވެސް ބަދަލުވާން އެބަ ޖެހޭ. މީހުންގެ ހުރި އުނދަގޫ އިހުސާސްތައް ފިލައި ގޮސް އާންމު ދިރިއުޅުމެކޭ އެއްގޮތަށް މީހުން ބަދަލުވާން ވެސް ޑޮމެސްޓިކް ޓޫރިޒަމުން ބޮޑު އެހީއެއް ވެދޭނެ." ވަން އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފުރުސަތު ހުޅުވާލި ނަމަވެސް، އެކަން ވެސް ދާން ވާނީ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން ދިވެހީންނަށް ވެސް ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ޗުއްޓީއަށް ދަތުރުފަތުރު ކުރުމުގައި ރައްކާތެރި މިންގަނޑުތަކެއް އޮންނަން ވާނޭ ކަމަށެވެ. އެ ގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތުން ލާޒިމް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޑޮމެސްޓިކް ޓޫރިޒަމް ފެށުމަށް ޓަކައި ކުރެވެން ހުރި މަޝްވަރާތަކާއި މަސައްކަތްތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް އެކަން ފެށިގެން ދިއުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިދޭތެރެއަކުން ރާއްޖޭގެ ޕޮޒިޓިވް އަދަދުތައް ދަށުގައި ހުރުމަށްފަހު އަނެއްކާވެސް މައްޗަށް ދިއުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާން ފެށުންވެސް މިހާރު މި އޮތީ ދާދި ގާތުގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޑޮމެސްޓިކް ޓޫރިޒަމް މިހާރު ހުޅުވައިލި ނަމަވެސް އެކަން ވެސް އެންމެ ބާރު ސްޕީޑުގައި ބާރަށް ކުރިޔަށް ދާނީ ވެކްސިންއާ ވެސް އެކުގައި ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން އާންމުކޮށްފައިވާ ޓޫރިޒަމް ގައިޑްލައިންތައް ބުނާ ގޮތުން ދިވެހީންނަށް ޗުއްޓީ ހޭދަކުރާން ރިސޯޓުތައް ފިޔަވައި، އެހެން ރަށްރަށަކަށް ނުދެވެއެވެ. ރިސޯޓުތަކަށް ދެވެނީ އެކަމަށް އެކުލަވާފައިވާ ގައިޑްލައިންތަކުގެ ދަށުންނެވެ. އެހެން ނަމަވެސް ރިސޯޓުތަކަކީ ހުރިހާ ފެންވަރެއްގެ ދިވެހީންނަށް އާއިލާ ގޮވައިގެން ދެވޭނެ ތަންތަން ކަމަށް ނުވާތީ، ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދައިގެން ގެސްޓުހައުސްތަކަށް ނުވަތަ އެނޫންވެސް ރަށްރަށަށް ޗުއްޓީއަށް ދެވޭން އުސޫލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިހާރު އޮންނަ ގޮތުން ނަމަ، ރަށަކަށް ދާ ދިވެހީން ފުރަތަމަ ޖެހޭނީ ކަރަންޓީނުގެ ޝަރުތު ހަމާ ތަނެއްގައި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެއަށްފަހު ކޮވިޑް ޓެސްޓު ހަދަން ޖެހެ އެވެ. މުޖުތަމައު ތެރެޔަށް ނުކުމެވޭނީ އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެގެންނެވެ.