ބާތިލުގޮތުގައި މީސްތަކުންގެ މުދާ ކައިއުޅޭ މީހުންނަށް މި ދުނިޔެމަތީގައި ވެސް ކުރިމަތިލާން ޖެހޭނީ ސުންޕާ ކަންތައްތަކާ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ފައިސާ އާއި ދުނިޔޭގެ އެދުންތަކާއި ދަޅަތަކަކީ، ދާދި އަވަހަށް ނެތި ފަނާވެދާނެ ތަކެއްޗާއި ކަންކަން ކަމަށެވެ.

"ބާތިލު ގޮތުގައި މީސްތަކުންގެ މުދާ ކައިއުޅޭ މީހުންނަށް މި ދުނިޔެމަތީގައި ވެސް ކުރިމަތިލާން ޖެހޭނީ ސުންޕާ ކަންތައްތަކާއެވެ. އޭގެ ތެރޭގައި އޭނާގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ބަދު ދުއާއިން އޭނާ ސަލާމަތްނުވުން ހިމެނިގެންވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ވައްކަމާއި، ފޭރުމާއި، މަކަރާއި ހީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ، މުޖުތަމައުގައި އަށަގަނެފައިވާ ވަރަށް ބޮޑު އިޖުތިމާއީ ބައްޔެއް ކަމަށާއި މި ބަލީގެ ސަބަބުން ގެއްލިގެންދަނީ ހަމައެކަނި ވަކިވަކި ފަރުދުންގެ ހައްގުތަކެއް ނޫން ކަމަށެވެ.

"މި ބޮޑު ޖަރީމާގެ ސަބަބުން ވިޔަފާރިތަކާއި ކުންފުނިތަކާއި ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށް ވެސް އެކި މިންވަރުގެ ގެއްލުން ލިބެމުންދެއެވެ. މިގޮތުން ދިވެހި މުޖުތަމައުގައި ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު، މަގުމަތިން ހިނގާފައިދާ މީހުންގެ ދަބަސް ޖަހައިގަނެގެން ފިލުމާއި، ގެއާއި އެހެނިގެން ތަންތަނުގައި މޯބައިލް ފޯނު ބާއްވާފައި އޮއްވައި، ވަގަށް ނެގުމާއި، ހަނދާން ނެތިގެން ޓެކްސީގައި ބޭއްވޭ ދަބަހާއި ފޯނު ފަދަ އަގުބޮޑު ތަކެތި ވަގަށް ނެގުމާއި، މަގުމަތީގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ވަގަށް ނެގުން ހިމެނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އެކި އުކުޅުތައް ބޭނުންކޮށްގެން ބޭންކު އެކައުންޓްތަކުގައި ހުންނަ ފައިސާ ވަގަށް ނެގުމާއި، އެކިއެކި ކުންފުނިތަކުން ބޭންކަށް ގެންދެވޭ ފައިސާތަކަށް ފާރަލައި، އެ ފައިސާތައް ޖަހައިގަތުމާއި، ދައުލަތު އޮފީސްތަކާއި މުއައްސަސާތަކަށް ގެންނަ ތަކެއްޗާއި ކުރެވޭ ބިޑްތަކުން، ކަމާބެހޭ މުވައްޒަފުން އެކިއެކި ފަރާތްތަކާ ގުޅިގެން އެކި ވަރުވަރުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ޖަރީމާތަކަކީ އޭގެ ސަބަބުން އަމިއްލަ ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން ވިޔަފާރި ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަންތައްތައް ކަމަށެވެ.

"މީގެ އިތުރުން، ގޯތިގެދޮރަށް ވަދެ، ރުއްގަސްތަކުގައި ހުންނަ ކާށްޓާއި ކުރުނބާ އާއި ތަރުކާރީ އާއި މޭވާއިން ވައްކަން ކުރާ ބައެއް މީސްމީހުން، އެކަންކުރަނީ އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، އެންމެންގެ ލޮލަށް ފެންނަ ފަށުގައިކަން ވެސް ފާހަގަކުރެވެއެވެ. މިކަން ކުރާ މީސްމީހުން މި ތަކެތި ވަގަށް ގެންގޮސް، ނުއަގުގައި ވިއްކާ އިރު، ގިނަ ފަރާތްތަކުން އެތަކެތި ގަންނަނީ އެއީ ހަރާމް ގޮތުގައި ހޯދާފައިވާ ތަކެތިކަން އެނގި ތިބޭ ހާލުގައެވެ. އެހެންކަމުން އެމީހުންނަށް ވެސް އެ ބައިވެރިވެވެނީ އެ ޖަރީމާގައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ވައްކަމާއި ނަހަމަގޮތުގައި ފައިސާ ހޯދުމުގެ ވަބާއަކީ މުޖުތަމައުތައް ފަސާދަކޮށް، ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށާއި މިއަދު ގައުމުތަކަށް މިވަނީ އެ ވަބާއަށް ދޭނެ ވެކްސިނެއް ހޯދުމުގައި ނާކާމިޔާބުވެފައި ކަމަށެވެ. އަދި ވައްކަމާއި ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް، އެ ހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނުކަމުގައި ވިޔަސް، އެތަކެތި ވެގެންދާނީ އޭނާ އާއި އަނބިދަރިންގެ ހަލާކަށް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.