ހިލްޓަންގެ ދަށުގައި ހިމެނޭ ލަގްޒަރީ ބްރޭންޑް، ވަލްޑޯފް އެސްޓޯރިއާ އިން ރާއްޖޭގައި ހިންގާ އިތާފުށި ރިސޯޓުން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 51،000 އަށްވުރެ ގިނަ ރުފިޔާ ދީފިއެވެ.

މަތީ ފެންވަރުގައި ހަދާފައިވާ އިތާފުށީގެ މުވައްޒަފުންނަށް މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 3،340 ޑޮލަރު (51،502 ރުފިޔާ) އެވެ. 2019ގައި އިތާފުށި ހުޅުވީއްސުރެ، އެ ރިސޯޓު އުޅެނީ ސާވިސް ޗާޖް ލިސްޓުގެ ކުރީގައެވެ.

އިތާފުށި ރިސޯޓުގައި 121 ސްވިމިން ޕޫލް އެކުލެވޭ ލަގަޒަރީ ކޮޓަރިތަކުގެ އިތުރުން 11 ރެސްޓޯރެންޓު ވެސް ހުރެއެވެ. ވަލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް އިން ވަނީ ދާދިފަހުން ޕްރައިވެޓް ކުޑަކުޑަ ރަށެއް ވެސް ހުޅުވައިފައެވެ. ރިސޯޓުގެ އެހެން ބައިތަކާ މުޅިން ވަކިން ހަދާފައިވާ އިތާފުށި ޕްރައިވެޓް އައިލެންޑުގައި ރެއަކަށް 80،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) ހަރަދުކުރަން ޖެހެއެވެ.

ސާވިސް ޗާޖު ދެވަނައަށް އެންމެ ގިނައިން ދީފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް މިމަހު 3،007 ޑޮލަރު (46،367 ރުފިޔާ) ދީފައިވެއެވެ. ރީތިރަށް ރިސޯޓުން މިދިޔަ މަހު ވެސް ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1،326 ޑޮލަރު (20،446 ރުފިޔާ) ދީފައެވެ.

މިމަހުގެ ސާވިސް ޗާޖު ލިސްޓުގެ ތިންވަނައިގައި ހިމެނޭ އަނަންތަރާ ކިހަވައް މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 2،097 ޑޮލަރު (32،335 ރުފިޔާ) އެވެ.

ކޮވިޑް 19އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި އާ އަހަރާ ދިމާކޮށްވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މިމަހު އެކަނިވެސް ރާއްޖެއަށް ވަނީ 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ވަޒީފާ ގެއްލުނު ނަމަވެސް، ބޯޑަރު ހުޅުވުމާއެކު ގިނަ ރިސޯޓުތައް ހުޅުވައި އަލުން މުވައްޒަފުން ވަނީ ނަގައިފައެވެ.