މަނީލޯންޑާ ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ދެމެހެއްޓުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާ ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަރަށް އަވަހަށް ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހައިކޯޓުން ރައީސް ޔާމީނާ ދެކޮޅަށް މިއަދު އިއްވި ހުކުމަކީ ބާތިލު ހުކުމެއް ކަމަށާއި އެ ހުކުމް ޕްރޮގްރެސިވް ކޯލިޝަނުން ބަލައިނުގަންނަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕްރޮގްރެސިވް ކޯލިޝަނުން ކުރާނެ ކަމަށާއި އެގޮތުން ރައީސް ޔާމީން ޖަލަށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ކަންކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީން ކުރަން އިރާދަކުރެއްވިއްޔާ މާ ލަހެއްނުވެ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އިސްތިއުނާފު ކުރާނެ. އަޅުގަނޑުމެން އަދިވެސް ގަބޫލު ކުރަނީ ޝަރުއީ މަރުހަލާގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިހާރު ގައުމުގައި ހިނގަމުން އަންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ނޫން ކަމަށާއި ގައުމުގައި ހިނގަމުން އަންނަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގައެވެ.

އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށްފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާއި، އެ ފައިސާއިން ފައިދާ ހޯދަމުން އަންނަކަން ވެސް ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލާފައިވަނީ އެމްއެމްޕީއާރުސީން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަށް ތާއީދުކޮށް އެ ހުކުމް ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.