ޚަބަރު

ސައުތު ޕާމް ރިސޯޓުން ދެ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރިފާ ހަލީލު

ސައުތު ޕާމް ރިސޯޓުން ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އެ ދެ ފަތުރުވެރިން ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ ފުރުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑް ޓެސްޓު ހެދުމުން ކަމަށެވެ. އަދި އެ ދެ ފަތުރުވެރިންނާ ކޮންޓެކްޓް ވި ތިން މުވައްޒަފުންގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށާއި، ނަމަވެސް އެމީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ އަދަދު 14،712 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،017 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 79 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ. އެއީ 42 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.