ދެހާސް ހަތަރުވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ގެއްލުން ލިބުނު މީހަކަށް ބަދަލު ދިނުމުގެ ގޮތުން، ގެއެއް އަޅައި ދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންތްރަކްޗާގެ މައްޗަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލް ކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން އެދިފައި ވަނީ، އެ މައްސަލައިގައި ވިލިނގިލީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑު އެހުމުގައެވެ.
ގއ. ވިލިނގިލީ މިލާން މައުރޫފާ އަބޫބަކުރު ހުށަހެޅި މައްސަލައިގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ ވިލިނގިލީގައި ސަރުކާރުން ސުނާމީ ގެތައް ނިންމައި، ގެ ތަކުގެ ވެރިންނާ ހަވާލުކުރާއިރު، ވިލިނގިލީ ރަންކޮކާގެ ގޯތިތެރޭގައި ގެއެއް އަޅައި މައުރޫފާ އަބޫބަކުރާއި ހަވާލުކުރުމަށާއި ގެތަކުގެ ވެރިފަރާތަށް ފައިސާ ދީގެން ގެ އެޅުމުގެ މަސައްކަތް ކުރުވާނަމަ އެފައިސާ ހަވާލުކުރާ އުސޫލުން މައޫރޫފާއާ ވެސް އެގޭގެ ފައިސާ ހަވާލުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.
މި ހުކުމާ ގުޅިގެން ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް 2018 ވަނަ އަހަރު މި މައްސަލަ ނިންމައި ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލައިގައި ވިލިނގިލީ ކޯޓުން ކުރި ހުކުމާއި ހައިކޯޓުން ކުރި ހުކުމް ބާތިލްކުރަން އެދި ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައި ވަނީ ސުނާމީ ކާރިސާގައި ލިބުނު ގެއްލުމުގެ ބަދަލު މައުރޫފާއަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ، ސުނާމީ ކާރިސާގައި ގެއްލުންވި ފަރާތްތަކަށް ސަރުކާރު މަދަދުދޭން ނިންމާފައި ވަނީ ދެ ގޮތަކަށް ކަމަށެވެ.
އެއްގޮތަކީ އެ ކާރިސާގައި ގެއްލުންވެފައިވާ ގެއަކީ އަލުން މަރާމާތު ކޮށްގެން އެގޭގައި ދިރިއުޅެވޭވަރުގެ ގެއެއްނަމަ މަރާމާތަށް ބޭނުންވާ ފައިސާ ދިނުން ކަމަށާއި ދެވަނަ ގޮތަކީ މަރާމާތު ކުރެވޭވަރު ނުވާ ގެތައް ދައުލަތުން އަޅައިދިނުންކަމަށް ވަކީލު ވިދާޅުވިއެވެ.
އެކަން ކޮށްފައި ވަނީ ކަމާބެހޭ ޓީމަކުން އެތަންތަން ސާވޭ ކުރުމުން ސާވޭ ރިޕޯޓަށް ބިނާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
އޭޖީގެ ވަކީލު ވިދާޅުވީ އެގޮތުން ބަދަލު ދޭން ހުކުމް ކޮށްފައިވާ ވިލިނގިލީ ރަންކޮކާގެ ގޯއްޗަކީވެސް ސުނާމީ ކާރިސާގައި ގެއްލުން ލިބުނުކަމަށް ލިސްޓު ކުރެވިފައިވާ ގޯއްޗެއް ކަމަށާއި ސާވޭ ރިޕޯޓަށް ބަލައި އެ ރިޕޯޓުގައި ކަނޑައަޅާފައިވާ މިންގަނޑަށް ސަރުކާރުން ފައިސާ ދިނުމާމެދު އިއުތިރާޒެއް ނެތްކަމަށް މައުރޫފާގެ ފަރާތުން ސޮއިކުރުމުން ތިންބަޔަކަށް ބަހާލައިގެން އެކަމަށް ބޭނުންވާ ފައިސާ އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން 35643 ރުފިޔާ އެފަރާތާ ހަވާލު ކޮށްފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު އިތުރަށް ވިދާޅުވީ ސުނާމީ ކާރިސާގައި ސަރުކާރުން އަޅާ ފެންވަރުގެ ގެއެއް ރަންކޮކާގޭގެ ގޯތީގައި އަޅައިދިނުމަށް އެދި ކޯޓަށް ހުށަހަޅާފައި ވަނީ އެ ފައިސާއާ ހަވާލުވިތާ ދެއަހަރު ފަހުން ކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތަށް ސުނާމީ ކާރިސާގައި ބަދަލު ދީފައި ވަނިކޮށް ދެވަނަ ފަހަރަށް އެ ބަދަލު ދިނުން ވާނީ އެފަރާތަށް ލިބިދޭ ނުހައްގު މަންފާއެއްގެ ގޮތުގައި ކަމަށްވެސް އޭޖީގެ ވަކީލު ވިދާޅުވިއެވެ.
އެކަން އެގޮތަށް އޮތުމުން ދައުލަތުން އެދެނީ ވިލިނގިލީ ކޯޓުގެ ގަޒިއްޔާއިން ކޮށްފައިވާ ހުކުމާއި އެހުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ވިލިނގިލީ ކޯޓުން ތަންފީޒު ކުރަން ކޮށްފައިވާ ހުކުމަކީ ތަންފީޒު ވެފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
އެގޮތަށް ކަނޑައަޅައިދެވެން ނެތްނަމަ ވިލިނގިލީ މެޖިސްޓްރޭޓްކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް އޮތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށްވެސް އޭޖީގެ ވަކީލު ސުޕްރީމުގައި ކޯޓުގައި އެދިވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓް