ޚަބަރު

ގެމަނަފުށި ސްކޫލް ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ރިފާ ހަލީލު

ގެމަނަފުށި ސްކޫލްގެ ގްރޭޑް 10ގައި ތައުލީމު ހާސިލް ކުރަމުން އަންނަ އަންހެން ކުއްޖަކަށް، އެ ސްކޫލްގެ ޓީޗަރަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އަޕާ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހެނދުނު 10:06 ގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވާތީ ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން، ކުއްޖާގެ ނުވަތަ މައްސަލަ ހުށަހެޅި އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރާނަން." ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މިއީ ގއ. ގެމަނަފުށި ސްކޫލްގައި ކިޔަވައި ދޭ ޓިޗަރަކު އެރަށު ސްކޫލްގެ ގްރޭދް 10ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އެކެވެ.

މި މައްސަލަ ގެމަނަފުށި ސްކޫލުންވެސް ބަލަމުން އަންނައިރު އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިކަމުގައި އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ކަމުން މިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރަށް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނަޅާކަންވެސް އަދި ނޭނގެ އެވެ. އިއްޔެއިން ފެށިގެން ވެސް މި ކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ކަމާ ގުޅޭ ބޭފުޅުންނަށް މި މީޑިއާއިން ވާނީ ގުޅައިފަ އެވެ. އެހެން ނަމަވެސް އެއްވެސް ރަސްމީ ކޮމެންޓެއް އަދި ނުދެއްވަ އެވެ.

މިއީ އެއްވެސް އަސްލެއް ނެތް، ބައެއް އަގު ވައްޓާލަން ފަތުރައިގެން އުޅޭ ވާހަކައެއް ކަމަށް ވެސް އެ ރަށުން މި ނޫހަށް ފޯނުކުރައްވައި ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ސްކޫލުން އިއްޔެ ޔަގީން ކޮށްދެއްވާފައިވާ ގޮތުގައި އެފަދަ މައްސަލައެއް އަންނަނީ ބަލަމުންނެވެ. އަދި މި ކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެއްވެސް ރަސްމީ މުއައްސަސާއަކުން މިހައިތަނަށް ބުނެފައެއް ނުވެ އެވެ.