އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޕައުލް ޕޮގްބާ ޖެހި ހިތްގައިމު ގޯލާއެކު ފުލްހަމް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.

ރޭ ފުލްހަމްގެ ދަނޑުގައި ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ނިމިފައިވާއިރު، ޔުނައިޓެޑް މެޗުން މޮޅުވީ ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ. ރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑުން 19 މެޗުން 40 ޕޮއިންޓް ހޯދާފައިވާއިރު، ވާދަވެރި މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 18 މެޗުން 38 ޕޮއިންޓާ އެކުގައެވެ.

ރެއާ ހަމައަށް ލީގު ތާވަލުގެ އެއްވަނައިގައި ލެސްޓާ ސިޓީ އޮތް ނަމަވެސް، ސިޓީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމާއެކު އެޓީމު އެއްވަނައަށް ޖެހިލިއެވެ. ރަނގަޅު ފޯމެއްގައި އޮތް ސިޓީން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގޯލްތައް ޖަހައިދިނީ ބާނާޑޯ ސިލްވާއާއި އިލްކޭ ގުންޑޮގަންއެވެ.

އެ މެޗަށްފަހު ސިޓީ އެއްވަނައަށް ޖެހިލިއިރު، އެއީ މިހާތަނަށް މި ސީޒަންގައި ސިޓީއަށް ތާވަލުގެ އެއްވަނައަށް އެރުނު ފުރަތަމަ ފަހަރެވެ. އެ މަގާމުގައި ސިޓީއަށް އޮވެވުނީ ގާތްގަނޑަކަށް ތިން ގަޑިއިރުއެވެ.

ޔުނައިޓެޑަށް އާންމުކޮށް ދިމާވާ މައްސަލައެއް ރޭގެ މެޗުގައިވެސް ފާހަގަވިއެވެ. މެޗުގެ ކުރީކޮޅުގައި އަޑެމޯލާ ލުކްމަންގެ ގޯލާއެކު އެޓީމުން ކްލީންޝީޓް ގެއްލުވާލިއެވެ. އެހެން ނަމަވެސް މާ ގިނައިރެއް ނުވެ ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. 21 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑިސަން ކަވާނީއެވެ. އެންމެފަހުން ލީގުގައި ކުޅުނު 17 އަވޭ މެޗުންވެސް ޔުނައިޓެޑް ބަލިވެފައި ނުވާއިރު، މި ސީޒަންގައި ހަތް ފަހަރެއްގެ މަތިން އަވޭގައި ފަހަތުން އަރާވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ.

ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ޕޮގްބާގެ ހިތްގައިމު ހުނަރުވެރިކަން ފެނުނީ 65 ވަނަ މިނެޓުގައެވެ. އަރިމަތިން ކަހަލަ ގޮތަކަށް ފުލްހަމްގެ ދެ ކުޅުންތެރިން ނައްޓާލައި، އޭރިއާ ބޭރުން ކަނާތް ފަޅިން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށް، އޭނާ 20 ޔާޑު ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުކޮށްލީ ސީދާ އަރިމަތީ ދާގަނޑަށެވެ. ގޯލްކީޕަރަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.

ރޭގެ މެޗުން ބަލިވެ ފުލްހަމް އޮތީ ރެލިގޭޝަން ޒޯންގައެވެ. 18 ވަނައިގައި އެޓީމު އޮތީ 17 ވަނައިގައި އޮތް ބާންލީއަށްވުރެ ހަތަރު ޕޮއިންޓް މަދުކޮށެވެ.