ގއ. ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 78އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާރު މޮނީޓަރިންގައި އޮތީ ދެ ރަށް ކަމަށެވެ. އެއީ ގއ. ދެއްވަދޫއާއި ގއ. ދާންދޫއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 78 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 71 މީހުންނަކީ ދެއްވަދޫން ޕޮޒިޓިވްވި މީހުންނެވެ.
"ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިވަގުތު ޖުމްލަ 78 ކޭސް މިވަނީ ފެނިފައި. މީގެ ތެރެއިން 71 ކޭސް މިވަނީ ދެއްވަދޫން ފެނިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 1،413 ސާމްޕަލް ނަގާފައިވާ އިރު، އެ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 476 އަށް އަރައެވެ.
ދެއްވަދޫން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ދެއްވަދުއަށް ބަލި ފެތުރުނު ގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު