ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑު ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒް ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން އަދި ވެކްސިން ޓާސްކު ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދާފައިވާ ކޮވިޑް ވެކްސިން ރާއްޖެއަށް ގަތުމަށް ނިންމައި، އެކަމާގުޅޭ ގޮތުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އެކު ސޮއިކުރަން ނިންމާފައިވާކަން ދިވެހި ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެ ވެކްސިން ހޯދުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެދަށުން ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.
ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އިންޑިއާ ސަރުކާރުން މިއަދު ގެނައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގެ ދަށުން ދެ ޑޯޒު ދޭން ޖެހޭއިރު ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
އަދި އިންޑިއާ އިން ފޯރުކޮށްދިން ވެކްސިންގެ އިތުރުން ވެސް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ގަތުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭއިރު، އިންޑިއާ އިން ފޯރުކޮށްދިން ވެކްސިން ވެސް އެ ފެސިލިޓީގައި ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު