ސިއްހީ މާހިރުން ދެއްވާ ލަަފަޔާއި އިރުޝާދާ އެއްގޮތަށް އަމަލުތައް އަދިވެސް ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ 10 މަސްދުވަހަކީ، ކޮވިޑުގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަހައްމަލު ކުރި ދުވަސްތަކެއް ކަމަށެވެ.

އެގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް އާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ދިޔައިރު، ވިޔަފާރިތައް ހުއްޓުމަކަށް އައިސް، މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އާއިލާތަކުގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެންޖެހި، ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ހިދުމަތަކަށް ބުރޫއެރި ކަމަށް ވިދާޅުވި އެވެ.

"މިއަދު މިލިބޭ އާ އުންމީދާއެކީ ވެސް، އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑުގެ މިއަދު ވެސް އިލްތިމާސަކީ، ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަޅުގަނޑުމެންގެ އަމަލުތައް އަދިވެސް ބެހެއްޓެވުން. ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮވިޑު ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އެބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސިއްހީ މާހިރުންގެ ލަފަޔާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަން ހާސިލުކުރުމަށްޓަކައި، މިއަދާ ހަމައަށް އައި އިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ރައީސް ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަން އިއުލާން ކުރައްވައިފަ އެވެ.